އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެނެޖް: ލާމު ބްލޫސް، އަކިރިކޮޅު އަދި ޓީކޭ ފަސްބެލުމެއްނެތި ކުރިޔަށް

މިހާރު ފެށިގެން ކުރިޔައްދާ އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖްގައި ރޭވެސް ފޯރިގަދަ ތިން މެޗު ވަނީ ކުޅެފައެވެ. އެގޮތުން ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޓީކޭ ސްޕޯޓްސް ކުލަބާއި އެމްވ...

18 Dec 2020 | 04:45

މިހާރު ފެށިގެން ކުރިޔައްދާ އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖްގައި ރޭވެސް ފޯރިގަދަ ތިން މެޗު ވަނީ ކުޅެފައެވެ. އެގޮތުން ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޓީކޭ ސްޕޯޓްސް ކުލަބާއި އެމްވައިއެވެ. ވަރަށް ވާދަވެރިކޮށް ފެނިގެން ދިޔަ މި މެޗު 4-5 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޓީކޭ ސްޕޯޓްސް ކުލަބުންނެވެ. މިއީ މި މުބާރާތުގައި ޓީކޭ ހޯދި ދެވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ. ޓީކޭ މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާއިރު، އެމްވައި ވަނީ އެޓީމު ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ. އެހެން ކަމުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް އޮތް ފުރުސަތު އެޓީމަށް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. އެމްވައިއަށް މި މުބާރާތުގައި ދެން ބާކީ އޮތީ ގްރޫޕް ސްޓޭޖުގެ ދެމެޗެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީކޭ ސްޕޯޓްސް ކުލަބުގެ އަޙުމަދު ޞަބާޙު (ސޮބައްޓޭ)އެވެ.

ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ލާމު ބްލޫސް އާއި ކާލާމަންނައެވެ. މި މެޗު 2-4 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ލާމު ބްލޫސްއެވެ. މި މެޗަށް ބަލާއިރު، މި މެޗަކީ ލާމު ބްލޫސް އިން މި މުބާރާތުގައި ހޯދި ދެވަނަ މޮޅެވެ. ލާމު ބްލޫސް މިހާތަނަށް ދެމެޗު ކުޅެ ދެމެޗުންވެސް މޮޅުވެފައިވާއިރު، ކާލާ މަންނަ ކުޅުނު ދެމެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެހެން ނަމަވެސް ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު އަދި އެޓީމަށް އެބައޮތެވެ.

މި މެޗުގެ މޮޅު ކުޅުންޔެރިޔާގެ މަގާމަށް ހޮވިފައިވަނީ ލާމު ބްލޫސްގެ އާދަމް ވަޖީހުއެވެ.

މި މުބާރާތުގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޑީޑީއެފް ދި ޖެނެރޭޝަން އާއި އަކިރިކޮޅު އެފްސީއެވެ. މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އަކިރިކޮޅު އެފްސީއިންނެވެ. މި ދެޓީމަށް ބަލާއިރު، މި މެޗަކީ އަކިރިކޮޅު އެފްސީއިން މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. މި ދެމެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. އަކިރިކޮޅު އަތުން ރޭ ބަލިވި ޑީޑީއެފް ދި ޖެނެރޭޝަން ވެސް ދެމެޗު ކުޅެފައިވާއިރު، އެޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ކުރިޔައް ހުރި މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ހޯދައިގެން ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ޑީޑީއެފް އަށް ވެސް އަދި އެބައޮތެވެ.

މި މެޗުގެެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަކިރިކޮޅު އެފްސީގެ ހުސެއިން ނާޝިދު (ނާއްޓޯ)އެވެ.

މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގޯޅި ޖޫނިއަރ އާއި ޑީޑީއެފް ނިއު ޖެނެރޭޝަންއެވެ. މިރޭ 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޯކަސްއާއި އެމްވައިއެވެ. އަދި މިރޭ 22:30 ގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އެފްސީ ޗެމްޕިއަންސް އާއި ލާމު ބްލޫސްއެވެ.

މުބާރާތުގެ މިފަހަރުގެ ކޯ ސްޕޮންސަރުން ނަކީ މާވަށް ކައުންސިލް، ރެލެކްސް ޒޯން އަދި ރިލެކްސް މާޓްއެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ޓޮޕް ސްޕޮޓް، ވިލަރެސް ގެސްޓުހައުސް، ލެޒިޒް، ނިއު ވޭވް، ކެފޭ ލާމު، ކެފޭ އަޒޫރޯ، ކޭމާކް ޒޯން، އޯސިސް އަދި ޕިޒްކާއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 5،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ދުވަސް އެމްވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް