ގައިންގަޔަށް ނާރާ ބަލިތައް ފެތުރޭ ސަބަބުތައް ދެނެގަތުމުގެ ސާވޭ މާލޭގައި ފަށަނީ

ގައިން ގަޔަށް ނާރާ ބަލިތައް ފެތުރެން މެދުވެރިވާ ސަބަބުތައް ދެނެގަތުމުގެ ސާވޭ މާލޭ ސިޓީގައި ފަށަން ނިންމައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ މުޅި ރާއްޖޭގައި ކުރިޔަށްގެންދާ...

18 Dec 2020 | 03:34

ގައިން ގަޔަށް ނާރާ ބަލިތައް ފެތުރެން މެދުވެރިވާ ސަބަބުތައް ދެނެގަތުމުގެ ސާވޭ މާލޭ ސިޓީގައި ފަށަން ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއީ މުޅި ރާއްޖޭގައި ކުރިޔަށްގެންދާ ސާވޭ އެއް ކަމަށެވެ. މި ސާވޭ ފަށާފައި ވަނީ މިދިޔަ އަހަރު އެވެ.

މި ސާވޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. މި ސާވޭއަށް ދީފައިވާ ނަމަކީ "ސްޓެޕް ސާވޭ" އެވެ.

އެޗްޕީއޭއިން ބުނީ މި ސާވޭގައި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާ ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަނެވޭނެ ކަމަށެވެ. އަދި އެފަދަ ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތައް ދެނެގަނެވޭނެ ކަމަށެވެ.

މި ސާވޭ ކުރިޔަށްގެންދަނީ އެޗްޕީއޭއާއި، ޑަބްލިއުއެޗްއޯ އަދި ގައުމީ ޔުނިވާސިޓީ ގުޅިގެންނެވެ.

މި ސާވޭގައި މައުލޫމާތު އެއްކުރާނީ ގުރުއަތުން ހޮވޭ ގޭގެއަށް ޓީމުތައް ގޮސްގެންނެވެ. މި މައުލޫމާތު އެއްކުރަން ދާ ޓީމުގެ މެމްބަރުން ތިބޭނީ ގައުމީ ޔުނިވާސިޓީން ދޫކޮށްފައިވާ ފާހެއް އަޅައިގެން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ވަނީ އާންމުންގެ ފަރާތުން މި ސާވޭ އަށާއި ޓީމުތަކަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް