ގިނަ މީހުން އެއްތަނަކަށް އެއްވުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކުޅިވަރު މުބާރާތްތަކާއި ޖަލްސާތަކާއި ހަފްލާތައް ބޭއްވުން މަނާކޮށްފައި އޮތް އޮތުމަށް ހެލްތްޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިމުން ގެންނަން ނިންމައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިިކް ހެލްތް މައިމޫނާ އަބޫބަކު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކުޅިވަރު މުބަރާތްތައް ބޭއްވޭނެ ކަމަށެވެ. އަދި ގައިޑްލައިނާއި އެއްގޮތަށް ހަފްލާތަކާއި ޖަލްސާތައް ބޭއްވޭނެ ކަމަށެވެ.
ގައިޑްލައިނަށް ގެނައި މި ބަދަލަށް އަމަލު ކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ނެވެ.
ހަފްލާ ތަކާއި މުބާރާތްތައް ބާއްވާއިރު އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ޖެހެ އެވެ. ހަފްލާ ތަކާއި މުބާރާތްތައް އޮންނަ ތަންތަން މީހުން ވައްދަން ޖެހެނީ ފިނިހޫނު މިން ބެލުމަށް ފަހު މާސްކު އަޅައިގެންނެވެ.
އެޗްޕީއޭގެ އެންގުމުގައި ވަނީ ގައިޑްލައިންތަކާއި އެގޮތަށް އަމަލު ކުރޭތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގާފައި އެވެ.
ރާއްޖޭގެ ކޯވިޑް-19 ގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅު ވަމުން ދާއިރު އެޗްޕީއޭއިން ދަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. އެގޮތުން އެންމެ ފަހުން މިދިޔަ ބުދަ ދުވަހު ލުއި ދިނީ ކަރަންޓީން ވުމާއި ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށެވެ.
ގައިޑްލައިނަށް ގެނައި ބަދަލާއި އެކު ރަށްރަށަށް ޒަރޫރީ ބޭނުންތަކުގައި ކުރު މުއްދަތަށް ދާ މީހުން ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައި އެވެ. އަދި ދިވެހިންނަށާއި ސައްހަ ވޯކް ވިސާ އޮންނަ ބިދޭސީންނަށް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާ އަކާއި އެކު ރިިސޯޓުތަކަށް ޗުއްޓީ ހޭދަ ކުރަން ދިއުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން މާލެ ސަރަހައްދަށް އަންނަ ދިވެހިންނާއި ވޯޯކް ވިސާ އޮންނަ ބިދޭސީން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ވަނީ ނިންމާފައި އެވެ.
ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 13،400 އަށް ވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވާ އިރު 12،800 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މި ބަލީގައި މަރުވެފައިވަނީ 48 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް