ދަރިފުޅު ނުކާން އުޅޭހެއްޔެވެ؟ މިއޮތީ ޙައްލު

ކެއުމުގައި ތަފާތު ވައްތަރުތައް ހިމެނުމަކީ ޞިއްޙަތަށް ފައިދާހުރި ކަމެއްކަން ޔަޤީނެވެ. އަދި ދަރިފުޅަށް އަލަށް ހަރު ތަކެތި ކާންދޭންފަށާ ދުވަސްކޮޅު މިކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. އެހެންކަމު...

18 Dec 2020 | 02:14

ކެއުމުގައި ތަފާތު ވައްތަރުތައް ހިމެނުމަކީ ޞިއްޙަތަށް ފައިދާހުރި ކަމެއްކަން ޔަޤީނެވެ. އަދި ދަރިފުޅަށް އަލަށް ހަރު ތަކެތި ކާންދޭންފަށާ ދުވަސްކޮޅު މިކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. އެހެންކަމުން މައިންބަފައިން އެމީހުންގެ ލޯބިލޯބި ދަރިފުޅުގެ ހަށިގަނޑާއި އަދި ސިކުނޑިއަށް ފުރިހަމަ ކާނާ ދިނުމަށްޓަކައި އެބަޔަކަށް ލިބުނު ފައިދާހުރި ހުރިހާ ބާވަތެއް ހޯދައެވެ. އެހެން ނަމަވެސް މި ހުރިހާ ބާވަތެއް ކެއުމަށް ދަރިފުޅު ދެކޮޅުހެދުން މިއީ ވަރަށް ޢާންމު ކަމެކެވެ. ޑޮކްޓަރުން ލަފާދެއްވާ ގޮތުގައި މިއީ ކާންދޭން ފަށާ ދުވަސްކޮޅު ވަރަށް ގިނަ ކުދިންނަށް ދިމާވާ ކަމެކެވެ. ކާގަޑީގައި ދަރީން ނުކާން އުޅޭނަމަ ތިރީގައިވާ ކަންތައްތަކާމެދު ވިސްނާލުން މުހިންމެވެ.

ކާގަޑީގައި ދިޔާ ތަކެތި މާ ގިނައިން ދެވޭހެއްޔެވެ ؟

ހަރުތަކެތި ކާންދޭން ފަށާ ދުވަސްކޮޅުގައި ކެއުމުގެ ތެރެއިން މާ ގިނައިން ދިޔާތެކެތި ދެވޭނަމަ ކުދިން ނުކާން އުޅެދާނެއެވެ. އެއީ ހަރު ތަކެތި އަލަށް ކާންފަށާއިރުގައި ކުދިންނަށް އެކަމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ. އަދި އަލަށް ކަމެއް ދަސްކުރާއިރުގައި އެއަށްވުރެން ފަސޭހަ އެހެން ގޮތެއް އޮތުމުން އެކުދިންވެސް ހަރު ތަކެތި ކެއުމުގެ ބަދަލުގައި ބޯން ބޭނުންވާނީ އެ ގަޑިއެއްގައި އެ ދެމުންގެންދާ ފެން, ޖޫސް ނުވަތަ ކިރު ތައްޓެވެ.

އަޑުތައް މަޑު ތަނެއްގައި ކާންދިނުން

ދަރިފުޅަށް ކާންދިނުމުގައި ޓެބްލެޓް, ޓީވީ ނުވަތަ ފޯން ފަދަ ތަކެތި ދައްކައިގެން ކާންދިނުމަކީ ކުދިން ކެއުމާ ދުރުވާ ކަމެއްކަން ދިރާސާތަކުން ދައްކައެވެ. އެއީ ޓެބްލެޓުން ނުވަތަ ފޯނުން ވީޑީއޯއެއް ދައްކައިގެން އެކުދިންނަށް ކާންދިނުމުން ގިނަ ފަހަރަށް އެ ކެވެނީ ކޮން އެއްޗެއް ކަމެއްވެސް އެކުދިންނަކަށް ނޭންގެއެވެ. އަދި ކާ ތަކެތީގެ ރަހަވެސް އެނގުމެއްނެތި ހަމަ ލަވާއިރަށް ދިރުވާލައެވެ. އެހެން ކަމުން ދަރިފުޅާ ވާހަކަ ދައްކައިގެން ރުއްސައިގެން ކާންދެވޭފަދަ މާޙައުލެއް އިޚުތިޔާރުކުރުން ވަރަށް މުހިންމެވެ.

ބަނޑު ފުރެންދެން ކާން ނުދިނުން

މިއީ ވަރަށް ގިނަ ފަހަރަށް ދިމާވާ މައްސަލައެކެވެ. ކައިރީގައި އުޅޭ އަވައްޓެރިން ނުވަތަ ގޭގައި އުޅޭ އެހެން މީހުން ދަރިފުޅު ހިއްކޭ ބުނާތީ ބައެއް ފަހަރަށް ފަލަކުރުމަށް ވަރަށް ގިނައިން ކާންދެވޭ ފަހަރު އާދެއެވެ. އެހެން ނަމަވެސް މާތްވެގެންވާ އިސްލާމްދީންވެސް އަހަރެމެންނަށް އަންގަވަނީ މައިބަދަ ސީދާކޮށްލެވޭ މިންވަރަށް ކެއުމަށެވެ. އަދި ބަނޑުގެ 3ބައިކުޅަ 1ބަޔަށް ކެއުމަށެވެ. އެހެންކަމުން ތަށި ހުސްވަންދެން އެކުދިންނަށް ނުކެވިދާނެއެވެ. އެ ކުދިން ބަނޑު ފުރުމުން ނުކާން އުޅެދާނެއެވެ. ނުކާން އުޅޭނަމަ ގަދަކަމުން ކާންދިނުމަކީ އެކުދިން ކެއުމުގެ މަތިން ފޫހިކުރުވާ ކަމެކެވެ. ދަރިފުޅަށް ފުދޭ މިންވަރަކަށް ކާންދިނުން މުހިންމެވެ.

ވަކި ވައްތަރެއްގެ ކާނާއެއް ނުކާން އުޅުން

ދަރިފުޅު ވަކި ވައްތަރެއްގެ ކާނާއެއް ނުކާން އުޅޭނަމަ ދަރިފުޅަށް މީރު އެހެން ވައްތަރަކާ އެއްކޮށްގެން ދިނުމަށް މަސައްކަތް ކުރާށެވެ. އަހަރެމެން ބޮޑެތި މީހުން ކާހިތްނުވާ ތަކެތި ހުންނަ ގޮތަށް އެކުދިންވެސް އެފަދަ ތަކެތި ހުންނާނެކަން ޤަބޫލުކުރަންވާނެއެވެ. އެހެންކަމުން އެކުދިން ގަޔާވާ ކެއުމަކާއެކު އެފަދަ ތަކެތި ދީގެން މަޑުމަޑުން އެއަށް ހާނުވަން މަސައްކަތް ކުރާށެވެ.

ދަރިފުޅު ހަރަކާތްތެރި ކުރުވާށެވެ.

ހެލިފެލިވެ އުޅޭ ކުދިން އަވަހަށް ބަނޑުހައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ހެލިފެލިވެ އުޅޭނަމަ އެކުދިންނަށް ގިނައިން ކެވެއެވެ. އަދި މާބޮޑަށް ހެލިފެލިވެ ނޫޅޭނަމަ ކެއުން މަދުކަމުގައި ފާހަގަކުރެއެވެ. އެހެން ކަމުން ކާންދިނުމުގެ ކުރިންނާއި އަދި ކެއުމުގެ ފަހުންވެސް ދަރިފުޅު ލައްވާ ކުޑަ ނަމަވެސް ކުޅިވަރެއް ކުޅުވިދާނެއެވެ. އޭރުން އެކުދިންގެ ހަށިގަނޑަށްވެސް ލުއިވެގެންދާނެއެވެ. އަދި ކެއުމުގެ ގަޑި ޖެހޭ އިރަށް ހުންނާނީ ބަނޑުހައިވެފައެވެ.

ވަކި ވަޤުތުތަކެއް ކަނޑައަޅާށެވެ.

ދަރިފުޅަށް ކާންދިނުމުގައި ވަކި ވަޤުތުތަކެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ކާ ގަޑި ފަހަނައަޅައި ދިޔުމުން އެކުދިން ތިބޭނީ މާ ބޮޑަށް ބަނޑުހައިވެފައެވެ. ނުވަތަ ކެއުމުގެ ގަޑި ކައިރި ނުވަނީސް ކާންދޭން ފަށާނަމަ އެ ފެށެނީ ކުދިން ރަނގަޅަށް ބަޑުހައި ނުވަނީހެވެ. އެހެންކަމުން ކެއުމަށް ޚާއްޞަ ވަޤުތުތަކެއް ކަނޑައަޅައިގެން ކާންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުދިން ކާހިތްވެ އަދި ބޮޑާ ނުހާކާ ކެއުމަށް ޝަޢުޤުވެރިވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް