ހުކުރު ދުވަހުގެ ސުންނަތްތައް

ހުކުރު ދުވަހަކީ މުސްލިމުންނަށް ވަރަށް ޚާއްޞަވެގެންވާ ދުވަހެކެވެ. އެއީ ހުކުރު ދުވަހަކީ މުސްލިމުންގެ ޢީދު ދުވަހެކެވެ. އަދި ހުކުރު ދުވަހަކީ އެދުވަހުގެ ވަޤުތެއްގައި ދުޢާ އިޖާބަކުރައްވާ ވަޤުތެއް އަންނާނެކަ...

18 Dec 2020 | 01:21

ހުކުރު ދުވަހަކީ މުސްލިމުންނަށް ވަރަށް ޚާއްޞަވެގެންވާ ދުވަހެކެވެ. އެއީ ހުކުރު ދުވަހަކީ މުސްލިމުންގެ ޢީދު ދުވަހެކެވެ. އަދި ހުކުރު ދުވަހަކީ އެދުވަހުގެ ވަޤުތެއްގައި ދުޢާ އިޖާބަކުރައްވާ ވަޤުތެއް އަންނާނެކަން ޙަދީޘުން ސާބިތުވާ ދުވަހެކެވެ.

ހުކުރު ދުވަހުގެ މާތްކަން އަންގަވާ މާތް ﷲ ރުއްސުންލެއްވި އަބޫލުބާބަތު ބިން ޢަބްދިލް މުންޛިރި ގެ ކިބައިން ރިވާވެގެންވެއެވެ.

قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ يَوْمَ الْجُمُعَةِ سَيِّدُ الأَيَّامِ ، وَأَعْظَمُهَا عِنْدَ اللَّهِ ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الأَضْحَىوَيَوْمِ الْفِطْرِ ، فِيهِ خَمْسُ خِلالٍ : خَلَقَ اللَّهُ فِيهِ آدَمَ ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الأَرْضِ ، وَفِيهِ تَوَفَّى اللَّهُ آدَمَ ، وَفِيهِ سَاعَةٌ لايَسْأَلُ اللَّهَ فِيهَا الْعَبْدُ شَيْئًا إِلا أَعْطَاهُ ، مَا لَمْ يَسْأَلْ حَرَامًا ، وَفِيهِ تَقُومُ السَّاعَةُ ، مَا مِنْ مَلَكٍ مُقَرَّبٍ وَلا سَمَاءٍ وَلا أَرْضٍ وَلارِيَاحٍ وَلا جِبَالٍ وَلا بَحْرٍ إِلا وَهُنَّ يُشْفِقْنَ مِنْ يَوْمِ الْجُمُعَةِ ) . رواه ابن ماجه

މާނައަކީ: “ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ހަމަކަށަވަރުން ހުކުރު ދުވަހަކީ ދުވަސް ތަކުގެ ތެރެއިން އެންމެ ޚާއްޞަ ދުވަހެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރިވެސް ދުވަހެވެ. އަޟްޙާ ޢީދާއި ފިޠްރު ޢީދުގެ ދުވަހަށް ވުރެވެސް މަތިވެރި ދުވަހެކެވެ. އެދުވަހުގައި ފަސްކަމެއް ހިމެނިފައިވެއެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ބިމަށް ތިރި ކުރެވުނީވެސް އެދުވަހުގައެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުގައެވެ. އަޅާ މާތް ﷲ ގެ ޙަޟްރަތުގައި ޙަރާމް ކަމެއް ފިޔަވާ އެހެން ކޮންމެ ކަމަކަށް އެދި ދެންނެވިނަމަވެސް އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އެދުވަހުގައިވެއެވެ. ޤިޔާމަތްވާނީ ވެސް އެދުވަހުގައެވެ. އެދުވަހާއި މެދުގައި ބިރުވެތިނުވާ މަލާއިކަތެއް، އުޑެއް، ބިމެއް، ވައިރޯޅިއެއް، ފަރުބަދައެއް، އަދި ކަނޑެއް ނުވެއެވެ”. އެހެނީ ޤިޔާމަތް ވަނީ ހުކުރުދުވަހުގައި ކަން އެތަކެއްޗަށް އެނގެއެވެ. ހެޔޮވިސްނުމަކުން ވިސްނާލުންހުއްޓެވެ.

ހުކުރު ދުވަހަކީ މުސްލިމުންގެ މައްޗަށް ޚާއްސަ ދުވަހެއްގެ ގޮތުގައި ލައްވަވައި, މި ދުވަހު ކުރުމަށް އެތަށް ކަމެއް ވަނީ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައިހި ވަޞައްލަމަ އަންގަވާފައެވެ.

އެގޮތުން ހުކުރު ވިލޭރޭއާއި ހުކުރު ދުވަހު މާތް ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައިހި ވަޞައްލަމަގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔަވަން ވަނީ އަންގަވާފައެވެ. މިކަން އަންގަވާ އެކަލޭގެފާނުގެ ހަދީޘް ކުރައްވާފައިވެއެވެ.

(إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فَأَكْثِرُوا عَلَيَّ مِنَالصَّلَاةِ فِيهِ)

(رواه أبو داود: 1531 و صححه الألباني)

މާނައީ: ”ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށްވާ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ފަހެ އެދުވަހުގައި(ހުކުރު ވިލޭރެއާއި ދުވަހުގައި) ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ."

މާތް ނަބިއްޔާގެ މައްޗަށް ސަލަވާތް ކިޔެވުން ގިނަކުރުމަކީ ދިރިއުޅުމުގެ ކަންކަން ފަސޭހަވެގެންދާނެ ކަމެއް ކަމުގައިވެސް ވަނީ އަންގަވާފައެވެ. އެހެންކަމުން މި ހުރިހާ ކަމަކުންވެސް އަހަރެމެންނަށް އެނގިގެންދަނީ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ޚާއްޞަކޮށް ހުކުރު ދުވަހު ގިނަކުރުން މޮޅު އިތުރުކަމެވެ.

ހިނައިގަތުމާއި, ސިވާކުރުމާއި (ދަތް އުނގުޅުމާއި) އަދި  ހުވަނދުލުމަކީވެސް ހުކުރު ދުވަހުގެ ސުންނަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައިހި ވަޞައްލަމް ހުކުރު ދުވަހަށް މިކަންކަން ކުރުމަށް ވަނީ އަހަރެމެންނަށް ނުހަނު ބާރުއަޅުއްވާފައެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(غُسْلُ يَوْمِ الجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ) (رواه البخاري في صحيحه: )2655

މާނައީ: ”ބާލިޣުވެފައިވާ ކޮންމެ މީހަކަށް ހުކުރު ދުވަހުގެ ހިނައިގަތުމަކީ ވާޖިބުވެގެންވާ ކަމެކެވެ."

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.

(غُسْلُ يَوْمِ الْجُمُعَةِ عَلَى كُلِّ مُحْتَلِمٍ، وَسِوَاكٌ، وَيَمَسُّ مِنَ الطِّيبِ مَا قَدَرَ عَلَيْهِ) (رواه مسلم في صحيحه: 846)

މާނައީ: ”ބާލިޣުވެފައިވާ ކޮންމެ މީހަކަށް ހުކުރު ދުވަހު ހިނައިގަތުމާއި އަދި ދަތްއުނގުޅުމާއި (ސިވާކު ކުރުމާއި) އަދި އެމީހަކަށް ވީ މިންވަރަކުން ސެންޓުޖެހުން (ޢަތަރުލުން) ވެއެވެ."

ހުކުރު ވިލޭރެއާއި އަދި ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމުގެ މާތްކަން އަންގަވާ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސް ފުޅެއްގެ މާނާގައިވެއެވެ. " ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވި މީހާއަށް ދެ ހުކުރު ދެމެދުގައި އަލިކަން ދެއްވަވާނެ ނޫރެއް ލައްވަވާނެއެވެ.

އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ.

(من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق)

މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ."

ހުކުރު ދުވަހަކީ މިހާ މާތް ދުވަހަކަށް ވީއިރު މި ދުވަހުގެ ހެޔޮކަމާއި މަތިވެރިކަން  ހޯދަން އަހަރެމެން ގަދައަޅާ މަސައްކަތް ކުރަން ނުވޭތޯއެވެ. ހުކުރު ދުވަހު ދުޢާކުރުން ގިނަކޮށް އެ ދުވަހުގެ މާތްކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭތޯ ގަދައަޅާ މަސައްކަތްކުރަމާ ހިނގާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް