ވެހިކަލްތަކުން އިތުރު ފީއެއް ނަގަން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާތީ ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ގިނަ ބަޔަކު ސޯޝަލް މީޑިއާ ބަހުސް ކުރަމުންދާ މި މައްސަލައިގަ "ދުވަސް"ގެ ކިޔުންތެރިންގެ ހިޔާލު ހޯދަން ނިންމައި، ވޯޓު ދިނުމަށް ޕޯލްއެއް ވަނީ ހުޅުވާލާފައި އެވެ.
"ދުވަސް" އިން ކިޔުންތެރިންގެ ހިޔާލު ހޯދުމަށް މިފަދަ ޕޯލެއް ހުޅުވާލަން ނިންމީ، އަންނަ 2021 ވަނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހެޅި ބަޖެޓުގައި އާމްދަނީ ހޯދުމުގެ ގޮތުން މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރުން އިތުރު ފީ އެއް ނެގުމަށް ނިންމާފައިވާތީ އެވެ. ބަޖެޓުގައި ހިމަނާފައިވަނީ "ކޮންޖެޝަން ޗާޖު" ގެ ނަމުގައި އިތުރު ފީއެއް ނެގުމަށެވެ.
އަދި މި ފީއަކީ އުޅަނދުގެ އަހަރީ ފީ އާ އެއްވަރުގެ ޢަދަދެއް ކަމަށް ވެސް ވަނީ ހިމަނާފަ އެވެ.
އެހެންވެ، މިކަމާ ގިނަ ބައެއްގެ ހިތްހަމަނުޖެހުން މިހާރުވެސް ހުރި އިރު، މި ހާލަތަކީ އެފަދަ ފީއެއް ރައްޔިތުން އަތުން ނެގުން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވެސް އަންނަނީ ބުނަމުން ނެވެ. އަދި މާލޭގެ މަގުތައް މިހާރަށް ވުރެ ރަނގަޅު ފެންވަރަކަށް ނުހަދައި، އިތުރު ފީއެއް ނަގައި، ރައްޔިތުންގެ ޖީބަށް އިތުރު ބުރައެއް ދިނުމަކީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ވެސް އަންނަނީ ބުނަމުން ނެވެ.
"ދުވަސް" އިން ހުޅުވާލާފައިވާ ވޯޓު ޕޯލު މި ނޫހުގެ ކޮންމެ ހަބަރެއް ގައި މިހާރު ވަނީ ހިމަނާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް