ޗައިނާ ލޯނުގެ ވާހަކަ ދައްކަނީ، ސަރުކާރުން ހަދާ އިގްތިސާދީ ބޮޑެތި ގޯސްތަށް ފޮރުވަން: އިދިކޮޅު

ސަރުކާރުން އަންނަ އަހަރުގެ ބަޖެޓާ ދިމާކޮށް ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ވާހަކަ ދައްކަވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ހަދާފައިވާ އިގްތިސޯދީ ބޮޑެތި ގޯސްތަށް ފޮރުވަން ކަމަށް އިދިކޮޅު ކޯލިޝަނުން ބ...

18 Nov 2020 | 11:40

ސަރުކާރުން އަންނަ އަހަރުގެ ބަޖެޓާ ދިމާކޮށް ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ވާހަކަ ދައްކަވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ހަދާފައިވާ އިގްތިސޯދީ ބޮޑެތި ގޯސްތަށް ފޮރުވަން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅުން އެގޮތަށް ބުނީ، މިއަދު ނެރުނު ބަޔާނެއްގަ އެވެ. މިއަދު ނެރުނު ބަޔާނަކ ޗައިނާގެ ލޯނުތައް ދެއްކުން ފަސްނުކޮށްދިން ކަމަށް އެ ގައުމަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްކެވި ވާހަކަފުޅަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ނަޝީދުގެ ވާހަކަތަށް ރައްދު ދެއްވާ އިދިކޮޅުން ބުނީ، ލޯނުތައް ފަސްނުވެގެން އުޅެނީ މި ސަރުކާރުން ދެ އަނގައިން ވާހަކަ ދައްކާތީ ކަމަށެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މެދުވެރިކުރައްވައި ޗައިނާ އަށް ސަނާ ކިއުއްވާއިރު، ނަޝީދު އެ ގައުމަށް ފާޑުވިދާޅުވަމުން ގެންދަވާކަން ވެސް ބަޔާނުގައި އިދިކޮޅުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ނަޝީދު ލައްވައި ޗައިނާ އަށް ބެވުމުގެ ސިޔާސަތު ހުއްޓާލަން ޖެހޭ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޗައިނާއިން ނަގާފައިވާ ލޯނުތަށް ނުދޭއްކަނަމަ އެ ލޯނުތަށް ފަސް ކޮށްދޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. މިހާރު ކުއްލިއަކަށް ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކަން ޖެހޭ ކަމަށް ސަރުކާރުން ތަކުރާރުކޮށް ވިދާޅުވަނީ، ކޮވިޑުގެ ކުރީކޮޅު ހަދާފައިވާ އިގްތިސޯދީ ބޮޑެތި ގޯސްތަށް ފޮރުވައި އެކަންކަމުގެ މަތިން ރައްޔިތުން ހަނދާން ނެތޭނެ ކަމަށް ދެކިގެން ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެެ.

އަދި އެގޮތަށް ސަރުކާރުން ވާހަކަ ދެއްކުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ބޮލުގައި އިތުރަށް ދަރަނި އަޅުވައިގެން ސިޔާސީ ފައިދާއަށާއި ފަސާދައަށް ބަޖެޓުގެ ބޮޑު ބައެއް ކަނޑައަޅަން ގަސްތުކޮށް ބަހަނާއެއްގެ ގޮތުގައި ކަމަށެވެ. އެކުމުން އެގެނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަކީ ގައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާ އާއި ގާބިލްކަން އަދި އިހުލާސްތެރިކަން ނެތް ބައެެއްކަން އެގޭ ކަމަށެވެ.

ސަރުކާރުންވާ އިހުމާލެއްގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ކޮންމެ ހިނދެއްގައި އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށާއި، އަދި ސަރުކާރު ރައްޔިތުންނަށް އިހުމާލު ވިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.

އިދިކޮޅުން ބުނީ ޕީޕީއެމްގެ ސަރުކާރުގައި ތަރައްގީގެ އެތައް މަޝްރޫއެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔައިރު ނެގި ހުރިހާ ލޯނުތައް ވެސް ކުޑަވެސް ދަތިކަމެއް ނެތި ޚަލާސްކުރާނެ ހަކަތަ ގާއިމްކޮށްފައިވާ ކަމަށެވެ. އޭރު އިގްތިސާދު ވެސް އޮތީ ދުޅަހެޔޮކޮށް ކަމަށް އިދިކޮޅުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ސޮވަރިން ފަންޑުގައި، ނޮވެމްބަރު 2018އާ ހަމައަށް 900 މިލިއަން ޑޮލަރު ހުންނާނެ އެވެ. މިއީ ދައުލަތަށް އިތުރަށް ލިބޭ އެއްވެސް އާމްދަނީއެއްގައި ނުޖެހި ޗައިނާ އަށް ދައްކަން ޖެހޭ ހުރިހާ ލޯނެއް ޚަލާސްކުރެވޭހާ ފައިސާ ކަމަށް އެ ބަޔާނުގައި ވެ އެވެ. މިއީ ޕީޕީއެމް/ޕީއެންސީ ވެރިކަމެއް ނަމަ ސޮވެރިން ފަންޑުގައި އޭގެ ދެގުނައަށްވާ ފައިސާ ހުންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިއްޔެ އެމްޑީޕީގެ ހަރުގޭގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވެފައިވަނީ އިގްތިސޯދީ ގޮތުން ރާއްޖެ އަނދަވަޅަކަށް ވެއްޓިފައިވާއިރު ވެސް ޗައިނާއިން ލޯނުތަށް ލުޔެއް ނުދޭ ކަމަށެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަރިހުން ރާއްޖެ އިތުރަށް ހާލަކުގެ ތެރެއަށް ވައްޓުމުން ސަލާމަތް ކޮށްދެއްވުމަަށް އާދޭހާއެކު ދަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.

ނަޝީދު މިހެން ވިދާޅުވިޔަސް ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ގެއްލުން ވަމުންދާތީ ޗައިނާއިން ވަނީ ބައެއް ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށް ދީފަ އެވެ. އަދި ބައެއް ލޯނުތަކުގެ އިންޓްރެސްޓު ކުޑަކޮށްދީފަ އެވެ. އެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް