މަސްތުވާތެކެތި ރާއްޖެއަށް އެތެރެ ކުރި މައްސަލާގައި ހައްޔަރުކުރި ޝަހީބު އިބްރާހީމް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޝަހީބު ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް އެތެރެ ކުރި 130 ކިލޯގެ މަސްތުވާތެކެތީގެ މައްސަލައިގަ އެވެ. ނަމަވެސް ފަހުން ޝަހީީބު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ޝަހީބު ދޫކޮށްލި މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލަ ބެލުމަށްފަހު މިއަދު ހައި ކޯޓުން ހުކުމް ކުރީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކުރާ ކަމަށެވެ. ކްރިމިނަލް ކޯޓުން ވަނީ ޝަހީބާއެކު އިތުރު ބަޔަކު ވެސް ހައްޔަރުން ދޫކޮށްލުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ހައި ކޯޓުގައި އިސްތިއުނާފު ކުރީ ހަމައެކަނި ޝަހީބުގެ މައްސަލަ އެވެ.
މަސްތުވާތެކެތި އެތެރެ ކުރި ޝަހިބަކީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރެކެވެ. އޭނާ ހައްޔަރު ކުރުމާއެކު ޕީޕީއެމްގެ ކައުންސިލް ކަމުން އޭނާ ވަނީ ސަސްޕެންޑުކޮށްފަ އެވެ.ޝަހީބަކީ ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާ އަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ވެސް ކުރި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުސޫލުން ބޭރުން މީހުން އަތުން ފައިސާ ނަގައި ފްލެޓު ދިން ކަމަށް ތުހުމަތުުކުރެވުނު މައްސަލައިގައި ވެސް ޝަހީބުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފުގެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް