ސަން ޓްރެވަލް ކުންފުނި ފުނޑާލުމަށް ނަޝީދު މަސައްކަތް ކުރެއްވި: ސިޔާމް

ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމުގެ ސަން ޓްރެވަލް ކުންފުނި ފުނޑާލުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވި ކަމަށް ސިޔާމު ތުހުމަތު ކުރައްވައިފި އެ...

18 Nov 2020 | 10:19

ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމުގެ ސަން ޓްރެވަލް ކުންފުނި ފުނޑާލުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވި ކަމަށް ސިޔާމު ތުހުމަތު ކުރައްވައިފި އެވެ.

ސިޔާމުގެ އެ ތުހުމަތާއެކު ނަޝީދާއި ސިޔާމުގެ ދެމެދުގައި ވަނީ ޒުވާބެއް ހިނގައިފަ އެވެ.

މިއަދުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަން ފެތުރުމުން ބަންދުކުރުމަށް ފަހު އަލުން ރިސޯޓްތައް ހުޅުވައިގެން، އެ ވިޔަފާރިތަކަށް ވީ ގޮތުގެ ވާހަކަ ދައްކައިފަ އެވެ. އަދި ހަތަރު ރިސޯޓެއް ސަރުކާރުން އެދިގެން ހުޅުވީ ވެސް އުއްމީދެއް އޮވެގެން ކަމަށް ސިޔާމު ވިދާޅުވި އެވެ. ނަމަވެސް އެ އުއްމީދު ހަގީގަތަކަށް ނުވީ ޓޫރިސްޓުން އައި މިންވަރު މަދު ކަމުން ކަމަށް ސިޔާމް ވަނީ ވިދާޅުވެފަ އެވެ.

އެއަށްފަހު ސިޔާމް ދެއްކެވީ ހިލްޓަން ކުންފުންޏާއި ސިޔާމްގެ ކުންފުންޏާ ދެމެދު ވީ އެއްބަސްވުމުގެ މައްސަލައިގެ ވާހަކަ އެވެ. އަދި އެ ވާހަކައިގެ ސިޔާމް ވިދާޅުވީ ހިލްޓަން ކުންފުންޏަށް ސަން ޓްރެވަލްއިން ފައިސާ ދައްކަން ޖެހުނީ އޮޅުވައިލުމެއްގެ ސަބަބުން ކަމަށެވެ. އެ ވާހަކަތަކަށް ފަހު ވިދާޅުވީ ނަޝީދު އިސްވެ ހުރެ މުޅި ގައުމާއި ރައްޔިތުންގެ މަޖިލިސް ހަރާބު ކޮށްފައިވާ ކަމަށެވެ.

މަޖިލިސް ހަރާބު ކުރެއްވިކަމަށް ސިޔާމް ވިދާޅުވުމުން ނަޝީދު ވަނީ ވާހަކަ ހުއްޓުވަައިފަ އެވެ. އަދި މެމްބަރުގެ އަމިއްލަ ވިޔަފާރީގެ ވާހަކަ މަޖިލިސްގައި ދެއްކުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އަދި މެމްބަރުންގެ އަމިއްލަ ވިޔަފާރިތަކުގެ ވާހަކަ ދައްކަވަން މަޖިލިސް ގަވާއިދު ތަން ނުދޭ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކަތަށް ރައްދު ދެއްވާ ސިޔާމް ވަނީ، ހިލްޓަން ކުންފުންޏަށް ބަދަލު ހޯދައި ދިނުމަށް ނަޝީދު އިސްވެ ހުރެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ނުފޫޒު ފޯރުވައި ހިލްޓަން އާ އެއްކޮޅަށް މައްސަލަ ނިންމުމަށް އެހީވި ކަމަށެވެ. އަދި ސަން ޓްރެވަލް އިން ހިލްޓަން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ކުންފުނީގެ އެކައުންޓު ފްރީޒު ކުރީ ވެސް ނަޝީދުގެ ނުފޫޒުން ކަމަށް ސިޔާމް ވިދާޅުވި އެވެ.

ސިޔާމު ވާހަކަ ނުނިމެނީސް އަނެއްކާވެސް ނަޝީދު ވަނީ ވާހަކަ ހުއްޓުވައި އަމިއްލަ ވިޔަފާރީގެ ވާހަކަ ނުދެއްކުމަށާއި މެމްބަރު ކުންފުނީގެ އެކައުންޓު ފްރީޒު ކުރިި ވާހަކަ ވެސް ނުދެއްކުމަށް ނަޝީދު ވަނީ އެދިފަ އެވެ.

ހިލްޓަން ކުންފުނިން ސަން ޓްރެވަލްސްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ގައި ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް އެންގި އެންގުން ތަންފީޒު ކުރުމުގެ މައްސަލަ އެވެ.

ހިލްޓަނާ އެއްކޮޅަށް އާބިޓްރޭޝަނުން މައްސަލަ ނިންމާފައި ވަނިކޮށް 2017 ގައި ސިވިލް ކޯޓުންް ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.

ސަން ޓްރެވަލް ކުންފުނީގެ އެކައުންޓުތަށް ވަނީ ހިލްޓަންއަށް ފައިސާ ނުދެއްކުމުގެ ސަބަބުން ފްރީޒު ކޮށްފަ އެވެ. އެއީ ސަން ޓްރެވަލް ކުންފުނީގެ އެކައުންޓުތަށް ފްރީޒު ކުރީ މިއަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެކައުންޓު ފްރީޒު ކުރި މައްސަލަ އިސްތިއުނާފަށް ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް