މަލީހު ބޭރުކުރަން ބޮންޑެ ގަރާރެއް ހުށަހަޅައިފި

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް މަގާމުގެ ޒިންމާ އަދާނުކުރާ ކަމަށް ބުނެ އޭނާ މަގާމުން ވަކި ކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގަރާރެއް ހުށަހަޅައިފި އެވެ. މި...

18 Nov 2020 | 09:13

ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް މަގާމުގެ ޒިންމާ އަދާނުކުރާ ކަމަށް ބުނެ އޭނާ މަގާމުން ވަކި ކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގަރާރެއް ހުށަހަޅައިފި އެވެ.

މިއަދު ހުށަހެޅުއްވި ބޮންޑެގެ ގަރާރުގައި ބުނެފަ ވަނީ، ރާއްޖޭގެ މުވާސަލާތީ ހިދުމަތްތައް ބެލެހެއްޓުމުގެ ޒިއްމާއާއި ހަވާލުކުރެވިފައިވާ ފަރާތުން ރާއްޖޭގައި ހަދާފައިވާ ގާނޫނުތަކަށް ބެލުމެއް ނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާ ގޮތަށް، އަދި ރައްޔިތުންނަށް ގެއްލުންވަމުންދާ މަގުން ގިނަ ކަންތައްތަކެއް ތަރުތީބު ކޮށްފައިވާ ކަމަށެެވެ.

އަދި އިންޓަނެޓް އަގުހެޔޮ ކުރުމުގެ ނަމުގައި ކިތަންމެ ގިނަ ފަރާތްތަކަކަށް އޮޕަރޭޓާ ލައިސަންސް ދިނަސް، އޮޕަރޭޓަރުން އަމަލު ކުރަން ޖެހޭ މިންގަނޑުތަކާއި، ކަސްޓަމަރުންގެ ހައްގުތަކާއި އޮޕަރޭޓަރުންގެ ޗެކް އެންޑް ބެލެންސް ފަދަ ކަންކަން ބެލޭނެ ފަދަ ގޮތްތައް ހަދާފައި ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވާނެ މަގުން އިތުރު ޓެލެކޮމް އޮޕަރޭޓާ އަކަށް ބިލިއަންއިން ފައިދާވާ ވިޔަފާރިއެއް އުފެއްދުމަށް ދޫކޮށްލައިގެން ހުރެވެން ނެތް ކަމަށް ގަރާރުގައި ވެ އެވެ.

ގަރާރުގައ ބޮންޑެ ވަނީ މަލީހު މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން މަޖިލީހުން ޓެލެކޮމިއުނިކޭޝަން ގަވާއިދެއް ހަދައި ހުށަހެޅުމަށް ކޮމިއުނިކޭޝަން މިނިސްޓްރީއަށް އެންގި ނަމަވެސް އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށް ގަރާރުގައި ވެ އެވެ. އަދި ޓެލެކޮޕް އޮޕަރޭޓަރުން މިހާރު ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރާތޯ ޗެކް ނުކުރާ ކަމަށް ވެސް ގަރާރުގައި ވެ އެވެ. މީގެ އިތުރުން ޓެލެކޮމިއުނިކޭޝަންގެ އަގުތަށް ކޮންޓްރޯލް ކުރެވިފައި ނެތުމާއި، އަށް އެއްވެސް ވަރަކަށް ޓެލެކޮމް އިންޑަސްޓްރީ ރެގިއުލޭޓް ކުރެވިފައި ނުވާކަން ވެސް ގަރާރުގައި ބޮންޑެ ވަނީ ފާހަގަ ކޮށްފަ އެވެ.

އިތުރަށް ގަރާރުގައި ބޮންޑެ ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި އޯޕަން އެކްސެސް ނެޓްވޯކްގެ ހިދުމަތް ނެތުމުގެ ސަބަބުން ގިނަ އެހެނިހެން ދާއިރާތައް ކުރިއެރުމުގައި ގޮންޖެހުންތައް ގިނަވުމާއި ގައުމުގެ އެންމެ ބޮޑު އެއް އެސެޓް ކަމައްވާ ފްރީކުއެންސީ ސްޕެކްޓްރަމް، ޒިންމާދާރު ކުޑަ ގޮތަކަށް ފްރީކުއެންސީތައް ހިލޭ ދިރާގު އަދި އޫރީދޫއަށް ބަހާލައި ބޮޑުއަދަދެއެއް ހުސްކޮށްފައިވުން ހިމެނެ އެވެ.

ފަހު ކަމެއްގެ ގޮތުގައި ގަރާރުގައި ފާހަގަ ކޮށްފައިވަނީ ރާއްޖޭގެ ގައުމީ ތަރިކައެއް ކަމުގައިވާ "ޑޮޓް އެމް ވީ" ޑޮމެއިންގެ ބެލެނިވެރިކަމާއި، ބެލެހެއްޓެނި ވެރިކަން އަދި ނަފާ އެއްކޮށް، އިންޑަސްޓްރީ އަށް ދޫކޮށްލާފައި ބޭއްވުން އެވެ.

މަލީހާއި ދެކޮޅަށް ގަރާރެއް ހުށަހަޅާފައިވާއިރު މަލީހް މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމާއި ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. މަޖިލިސް ތެރެއިިން މަލީހުއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ މެމްބަރުންގެ ތެރޭގައި ބޮންޑެ ހިމެނެ އެވެ. މިފަހުން ބޮންޑެ އާއި މަލީހު ވަނީ އެކަކު އަނެކަށް ދިމާކޮށް ބަހުގެ ހަމަލާވެސް ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް