މާލޭ ފަޅުގައި އަޅާފައިވާ އުޅަނދުތަކެއް ސްޓިކާ ޖަހައި ޖޫރިމާނާ ކޮށްފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ މާލޭގެ އެކި ފަޅުތަކުގައި ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތަކުގައި ސްޓިކާ ޖަހާފައިވާނެ ކަމަށެވެ. އަދި ބައެއް އުޅަނދުތަށް ޖޫރިމާނާ ކޮށްފައިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ގަވާއިދާ ހިލާފަށް މާލޭ ފަޅުގައި އަޅާފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހައި ޖޫރިމާނާ ކުރަން ފެށި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
މާލޭ ފަޅެއްގައި ދޯނި ގަވާއިދަށް ހިލާފަށް އަޅާފައިވާނަމަ ފުރަތަމަ ފަހަރަށް ޖޫރިމާނާ ކުރާނީ 100 ރުފިޔާއިންނެވެ. ދެވަނަ ފަހަރު ޖޫރިމަނާ ކުރަނީ 150 ރުފިޔާއިންނެވެ. ތަކުރާރުވާ ކޮންމެ ފަހަރަކު ކަނޑައެޅިފައިވާ އުސޫލަކުން ޖޫރިމަނާ ބޮޑުވަމުންދާނެ އެވެ. ފަޅުތަކުގައި ދޯނިފަހަރު އެޅުމަށް ސިޓީ ކައުންސިލުން ކަނޑައަޅާފައިވަނީ އެކި އަގުތަކެވެ. އަގު ނެގުމުގައި ދޯނީގެ ބޮޑުމިނަށާއި ދޯނި ބާއްވާ ވަގުތަށް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލެއާއި ވިލިނގިލީގެ ފަޅުގެ ގަވާއިދުގައި ބުނާ ގޮތުން މާލެ ހުޅަނގު ބަނދަރުން ދާއިމީ ހުއްދައެއް ދެނީ ދުވާލަކު މީޓަރަކަށް އެއް ރުފިޔާ ދައްކައިގެންނެވެ. އަދި ވަގުތީ ގޮތުން ފަޅުތެރޭގައި ދޯނި ބާއްވާ ފުރަތަމަ ތިން ދުވަހު މީޓަރަކަށް ދުވާލަކު 10 ރުފިޔާ ނަގާއިރު ދެވަނަ ތިން ދުވަހަށް ނަގަނީ މީޓަރަކަށް ދުވާލަކު 15 ރުފިޔާގެ ރޭޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް