ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަށް އިތުރު ކުރުމަށް އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހުށަހަޅަނީ އެހެން މިނިސްޓްރީތަކުގެ މައްޗަށް ނުފޫޒާއި ބާރު ހިންގުވަން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މެދުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ އާޒިމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ބަޖެޓް ބަހުސްގައި ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީގެ އެއް ސިޔާސަތަކީ ސަރުކާރުން އާއްމު ވިޔަފާރިތަކަށް ނުވަނުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ދެ އަހަރުގެ ތެރޭގައި 10އަށް ވުރެ ގިނަ ކުންފުނި އުފައްދައިފި ކަމަށެވެ. އާޒިމް ކުންފުނިތަކަށް އުފެއްދި ވާހަކަ ދެއްކީ ފައްޔާޒަށް ތުހުމަތުކުރާ މޭރުމަކުންނެވެ. އަދި އެ ކުންފުނިތަކުން ދައުލަތަށް ފައިދާ ނުވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ފައްޔާޒަށް ތުހުމަތު ކުރައްވާ އާޒިމް ވިދާޅުވީ، ފައްޔާޒު ކުރިހާ ވެސް ކަމަކީ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް (އެސްއޯއީ) ތަށް އިކޮނޮމިކް މިނިސްޓްރީގެ ތެރެއަށް ވައްދައިގެން ބޮޑު މިނިސްޓަރަށް ހެދިގެން އުޅުން ކަމަށެވެ. ފައްޔާޒުު އިސްވެ ހުރެ އާ ކުންފުނިތަކެއް އުފައްދަނީ ނުފޫޒު އިތުރު ކުރަން ކަމަށް ވެސް އާޒިމް ތުހުމަތު ކުރެެއްވި އެވެ.
އިތުރަށް ފައްޔާޒަށް ތުހުމަތު ކުރައްވަމުން އާޒިމް ވިދާޅުވީ، ކުންފުނިތަކަށް އިތުރު ކޮށްގެން އިކޮނޮމިކް މިނިސްޓްރީގެ މުވައްޒިފުން އެ ކުންފުނިތަކުގެ ވާޒީފާއަށް ލައިގެން ބޮޑެތި މުސާރަ ދެމުންދާ ކަމަށެވެ. އަދި އެއީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.
އާޒިމް ވިދާޅުވީ، ހައުސިން މަޝްރޫއުތައް ހިންގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މަސައްކަތް ކޮށްކޮށް އޮއްވައި އަނެއްކާ "ފަހި ދިރިއުޅުން" ކިޔާ ކުންފުންޏެއް ވެސް ސަރުކާރުން އުފެއްދި ކަމަށެވެ. އަދި ދަނޑުވެރިކަމަށް ހާއްސަ ކޮށްގެން އެގްރޯ ކުންފުނީގެ ނަމުގައި ވެސް ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތަކީ ހަގީގަތުގައި އެގްރިކަލްޗަރު މިނިސްޓްރީން ކުރަން ޖެހޭ ކަންތައްތައް ކަމަށާއި ނަމަވެސް ކުންފުންޏެއް ހެދީ ފައްޔާޒު އަމިއްލަަ އަށް އެ ބާރު ނަގަން ވެގެން އާޒިމް ވަނީ ވިދާޅުވެފަ އެވެ.
އެސްއޯއީތަށް މެދުވެރިކޮށް ފައްޔާޒު ކޮރަޕްޝަން ހިންގަވާ ކަމަށް ދޭހަވާފަދަ މޭރުމަކުން ވެސް އާޒިމް ވަނި ވާހަކަ ދައްކައިފަ އެވެ.
މިހާ ފާޅުކަން ބޮޑު ގޮތެއްގައި އާޒިމް ފައްޔާޒަށް ވިދާޅުވެ ތުހުމަތުތަކެެއް ކުރެއްވިއިރު، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން މަސައްކަތްޕުޅު ކުރެއްވި އެވެ. އޭރުގައި އެ މަނިކުފާނު ވެސް ކުރެއްވި ތުހުމަތަކީ އެހެން މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުންނަށް ވެސް ނުފޫޒު ފޯރުގައި "ބްރޯ" ހެދިގެން ފައްޔާޒު އުޅުއްވާ ކަމަށެވެ. ފައްޔާޒުގެ މައްސަލަ އެ މަނިކުފާނު ފަހުން ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހަށެވެ.
ނަޝީދު މައްސަލަ ހުށަހެޅުމުން މެމްބަރުން އެކަމަށް ތާއިދު ކުރިޔަސް ފަހުން ވަނީ ފައްޔާޒަށް އިތުބާރު އޮތް ކަމަށް އެ މެމްބަރުން ވިދާޅުވެފަ އެވެ. މިއާއެކު އެމްޑީޕީގެ ތެރޭފައި ނަޝީދު ފެކްޝަނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފެކްޝަނެއް އުފެދިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތުކޮށްފަ އެވެ. ފައްޔާޒު ފާހަގަ ވެފައިވަނީ ރައީސް ސޯލިހު ވަރަށް އިތުބާރު ކުރައްވާ މިނިސްޓަރެއްގެ ގޮތުގަ އެވެ.
އެމްޑީޕީގެ ޕީޖީއަށް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި އެކަމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ރައީސް ސޯލިހު ވިދާޅުވި، ފައްޔާޒަކީ ސަރުކާރުގެ ވައުދުތަށް ފުއްދުމަށް އެންމެ ބުރަކަށް މަސައްކަތް ކުރައްވާ މިނިސްޓަރު ކަމަށާއި، އިތުބާރު ގެއްލޭ ވަރުގެ ކަމެއް ފައްޔާޒު ނުކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް