ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ އާ ދައުވާއާއި ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތުގައި މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން އެމަނިކުފާނު އެދިވަޑައިގަތުމުން ކެންސަލްކޮށްފި އެވެ.
އެ ދެ ދައުވާއަކީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ދެ ދައުވާވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޔާމީން އަށް ދެކޮޅަށް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައި ކަމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އެ މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ.
އެ މައްސަލަތަކުގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މިއަދު މެންދުރު 13:30 އަށެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުންނާއި ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމަށް ދަތިފުޅުވާތީ އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގަތުމުން އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ. އަދި މިހާރު ޝަރީއަތް އެހެން ދުވަހަކަށް ޝެޑިއުލް ކުރެވިފަ އެވެ. ނަމަވެސް އެއީ ކޮން ދުވަހެއްކަން ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް