މޫސުން ގޯސްވުމާއި ގުޅިގެން ހއ. ހޯރަފުށީ ޑޮމެސްޓިކް އެއާޕޯޓު ހުޅުވުން އަނެއްކާވެސް ލަސްކޮށްފި އެވެ.
ހޯރަފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މިދިޔަ ހޯމަ ދުވަހު އެވެ. ރަސްމީކޮށް އެއާޕޯޓު ހުޅުވަން ހަމަޖެހިފައި އޮތީ އިއްޔެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވަން ހަމަޖެހިފައިވާ ހޯރަފުށީ އެއާޕޯޓު ހުޅުވުން ލަސްވަނީ މޫސުން ގޯސްވެ ދަތުރުފަތުރު ކުރުމުން ރައްކާތެރި ނުވުމާއި ގުޅިގެންނެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު އިއްޔެ ވިދާޅުވީ ރައީސްގެ ހޯރަފުށި ދަތުރުފުޅު މިއަދަށް ފަސްކުރެވިފައިވާ ކަމަށެވެ.
އެކަމަކު މިއަދު ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނީ ރައީސް ބައިވެރިވެވަޑައިގެންނަވާ އެ ރަސްމިއްޔާތު އަނެއްކާވެސް ފަސްކޮށްފައިވާ ކަމަށެވެ. އަދި މޫސުން ރަނގަޅު ނަމަ ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އެ ރަށް އޮތީ ވަރަށް ވަރަށް ބޮޑަށް ތައްޔާރުވެފައި އެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި އުތުރުގެ އަތޮޅުތަކަށް މިއަދުވެސް މޫސުން ގޯސްވާނެ އެވެ. ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ބުނެފައިވެ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނީ ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާތާ ހަފްތާއެއްގެ ތެރޭގައި ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ހަފްތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ޑިމާންޑަށް ބަލައި ދަތުރުތައް އިތުރު ކުރާނެ ކަމަށެވެ.
ހޯރަފުށީ އެއާޕޯޓު ހަދާފައިވަނީ އެ ރަށުގެ ދެކުނު ފަރާތު ފަޅުގެ 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކައިގެންނެވެ. އެ ރަށާއި އެއާޕޯޓު ގުޅުވާފައިވަނީ ތާރު އަޅައިގެން ހަދާފައިވާ މަގަކުންނެވެ.
ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކޮށްފައިވެ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.
ހޯރަފުށީ އެއާޕޯޓު މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް