ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް ފަނޑިޔާރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ގާޒީ ބާރީ މަގާމުން ވަކި ކުރަން މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވީ އިއްޔެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވަމުން ހުށަހެޅިފައިވާ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ކަމާއި ބެހޭ ކޮމިޓީއަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ
ގާޒީ ބާރީ ފަނޑިޔާރު ކަމުން ވަކި ކުރަން މަޖިލީހަށް ފޮނުވި އިރު ޖޭއެސްސީން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން މިހާރުވެސް އޭނާ ހުންނެވީ ސަސްޕޕެންޝަންގައި އެވެ. ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ފޮނުވީ ބާރީ އާއި ގުޅޭ ގިނަ މައްސަލަތަކެއް ބެލުމަށް ފަހު އެވެ.
އޭގެ ތެރޭގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ޚިޔާނާތްތެރިވި ފައިސާއިން ގާޒީ ބާރީ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައާއި، މެއި 2014 އިން ފެބްރުއަރީ 2018 އަށް ޤާޟީ ބާރީ ޢަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، މި މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަޙްޤީޤުކޮށްފައިވާ މައްސަލައެއް، ޤާޟީ ޢަބްދުލްބާރީ ޔޫސުފާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ޖޭއެސްސީ އިން ބުނީ އެގޮތުން މިމައްސަލަތަކުގެ ތަޚްޤީޤުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޤާޟީ ބާރީ ގާތް ގުޅުމެއް އޮތްކަމާއި، ކްރިމިނަލް ކޯޓުގައި ހިނގި ބޮޑެތި ޝަރީޢަތްތަކާ ގުޅިގެން އަދީބުގެ ކާރު ޕާކްކުރާ ގަރާޖުގައި އިތުރު ފަނޑިޔާރުންތަކަކާއެކު އަދީބާއެކު ބޭއްވި ބައްދަލުވުންތަކެއްގައި ޤާޟީ ބާރީ ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމް ކުށުގެ ދަޢުވާގައި، ރައީސް ނަޝީދުގެ މައްޗަށް ޙުކުމްކުރުމުގެ ކުރިން އެ މައްސަލައިގެ ޙުކުމުގެ ކޮޕީއެއް އަދީބަށް ފޮނުވުމަށް ޤާޟީ ބާރީ އެޙުކުމް ދިންކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
މީގެއިތުރުން ޝަރީޢަތްތައް އެއިރު ސަރުކާރުން ބޭނުންވިގޮތަށް ނިންމާދިން ފަނޑިޔާރުންނަށް އިނާޔަތްތައް ދިންއިރު، ޤާޟީ ބާރީ އަށް ފްލެޓެއް ބޭނުންވުމުން، އޭނާގެ އަނބިކަނބަލުންގެ ނަމުގައި ފްލެޓެއް ހަމަޖައްސައިދިނުމަށް ނިންމިކަން އެނގެން އޮތްކަމާއި، ހަމަ އެ ދުވަސްވަރު އަދީބުގެ ފަރާތުން 500,000.00 (ފަސް ލައްކަ) ދިވެހި ރުފިޔާ ބާރީ އަށް ދީފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
އަދި ބާރީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފްލެޓް ގަތުމަށް އެޑްވާންސަށް 600،000.00 (ހަ ލައްކަ ރުފިޔާ) ނަގުދު ފައިސާއިން އޭނާ ދައްކާފައިވާއިރު، އެފައިސާއަކީ ބާރީ ނާޖާއިޒު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ކޮމިޝަނުން ކުރި ތަހުގީގަށް ފާހަގަވާ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް