ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ވަރުގަދަ ޖަރުމަނު ބަލިކޮށް މުބާރާތުގެ ފައިނަލް ބުރުން ސްޕެއިން ޖާގަ ހޯދައިފި އެވެ.
ރޭ ސްޕެއިންގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 0-6 އިންނެވެ.
މެޗު އެއްވަރުކޮށްލައިގެންވެސް މުބާރާތުގެ ފައިނަލް ބުރަށް ދަތުރު ކުރުމުގެ ފުރުސަތު އޮތް ޖަރުމަން ރޭ ބަލިވިއިރު، އެޓީމުގެ ފަރާތުން ރޭ ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އެގޮތުން ރޭގެ މެޗުގައި ސްޕެއިންގެ ގޯލާ އަމާޒުކޮށް މެޗުގައި ޖަރުމަނަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެ އެވެ.
ސްޕެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެން ދިޔައިރު، އެޓީމުގެ ޒުވާން ފޯވާޑް އުމުރުން އެންމެ 20 އަހަރުގެ ފެނާން ޓޯރޭޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ރޭގެ މެޗުގައި ސްޕެއިން އިން ޖަރުމަނު ކޮޅަށް ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޭނާއެވެ. ރޭ ޓޯރޭޒް ޖެހި ތިން ގޯލާއެކު މި ސީޒަނުގައި ކުލަބަށާއި ގައުމީ ޓީމަށް އޭނާ ޖެހި ގޯލުގެ އަދަދު އަށަކަށް ވަނީ އަރާފައެވެ.
ރޭގެ މެޗުގައި ސްޕެއިންގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނަގައިދިނީ މެޗުގެ 17 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާ އެވެ. ދެވަނަ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ޓޯރޭޒް ކާމިޔާބުކޮށްދިން އިރު އޭގެ ފަސް މިނެޓް ފަހުން ރޮޑްރީ ލަނޑެއް ޖަހައި ނަތީޖާ 0-3 އަށް ބަދަލުކުރި އެވެ. އޭގެ ފަހުން ދެން އަނެއްކާވެސް ފެނުނީ ޓޯރޭޒްގެ ދެ ގޯލެވެ. މެޗުގައި ސްޕެއިން އިން ޖެހި ފަހު ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި އޮއްވައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކެލް އޮޔަޒަބެލް އެވެ.
ޔޫއެފާ ނޭޝަންސް ލީގުގެ ހަތަރު ޓީމު ވާދަކުރާ ފައިނަލް ބުރަށް ސްޕެއިން ރޭ ދަތުރުކޮށްފައިވާއިރު، ފްރާންސް އިން ވެސް ވަނީ ފައިނަލް ބުރުން ޖާގަ ހޯދާފައެވެ. އަނެއް ދެ ޓީމު ކަށަވަރު ވާނީ މިރޭ ކުޅޭ ގްރޫޕް އެކަކާއި، ދޭއް ގެ މެޗުތައް ނިމުމުންނެވެ. ފައިނަލް ބުރު ކުޅެން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް