ދެކުނު އެމެރިކާ ވޯލްޑްކަޕް ކޮލިފައިން: އުރުގުއޭ ވެސް ބަލިކޮށް ބުރެޒިލުން މަގާމު ދަމަހައްޓައިފި

މިހާރު ކުރިޔަށްދާ ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅެމުން އަންނަ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އުރުގުއޭ އާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކޮށް ބްރެޒިލުން މަގާމު ދަމަހައްޓައިފި އެވެ. ...

18 Nov 2020 | 02:50

މިހާރު ކުރިޔަށްދާ ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅެމުން އަންނަ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އުރުގުއޭ އާ ވާދަކޮށް ކުޅުނު މެޗު ކާމިޔާބުކޮށް ބްރެޒިލުން މަގާމު ދަމަހައްޓައިފި އެވެ.

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ކޮޅިފައިވުމަށް ރޭ ކުޅުނު މެޗުން ބްރެޒިލުން އުރުގުއޭގެ މައްޗަށް ކުރި ހޯދީ 0-2 ގެ ނަތީޖާއިންނެވެ. ރޭގެ މޮޅަކީ ކޮލިފައިންގައި މިހާތަނަށް ބްރެޒިލުން ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅެވެ.

ރޭގެ މެޗުގައި ބްރެޒިލް އިން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި ބްރެޒިލުން ޖެހި ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 34 ވަނަ މިނެޓްގައި އަރްތޫރް ކާމިޔާބުކޮށްދީފައިވާއިރު ދެވަނަ ލަނޑު ފުރަތަމަ ހާގފުގެ ފަހު މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޗާލިސަން އެވެ.

ބްރެޒިލް ލީޑުގައި އޮވެ މެޗުފެ ފުރަތަމަ ހާފު ނިމުނުއިރު، ފަހުހާފަށް ކުޅެން ނިކުމެ ދެޓީމުންވެސް ވަނީ އެޓޭކިން ފުޓްބޯޅައެއް ކުޅެފައެވެ. އެގޮތުން ދެޓީމުންވެސް ގިނަ ހަމަލާތަކެއް ދެކޮޅު ގޯލަށްވެސް އަމާޒުކުރި ނަމަވެސް މެޗު ނިމިގެން ގޮސްފައިވަނީ އިތުރު ލަނޑެއް ނުޖެހިއޮވެއެވެ.

ރޭގެ މެޗުގައި ބްރެޒިލްގެ ނޭމާއާއި އުރުގުއޭގެ ލުއިސް ސުއަރޭޒް ކުޅެފައެއް ނުވެއެވެ. ބްރެޒިލްގެ ނޭމާއަށް އަނިޔާގެ ސަބަބުން ނުކުޅެވުނު އިރު އުރުގުއޭގެ ލުއިސް ސުއަރޭޒް އަށް މެޗަށް ނޭރުނީ ކޯވިޑަށް ޕޮޒިޓިވް ވުމުންނެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ދެން އެންމެ އަވަހަށް ބްރެޒިލްއަށް މެޗެއް ކުޅެން އޮތީ އަންނަ އަހަރުގެ މާޗް މަހު އެވެ.

ބްރެޒިލް އަދި އުރުގުއޭ މެޗުގެ އިތުރުން ރޭ ވަނީ އިތުރު ހަތަރު މެޗެއް ކުޅެފައެވެ. އެ މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު،

އިކުއެޑޯ - ކޮލަމްބިއާ: 6-1

ވެނެޒުއެލާ- ޗިލީ: 2-1

ޕެރަގުއޭ - ބޮލީވިއާ: 2-2

ޕެރޫ - އާޖެންޓީނާ: 0-2

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް