ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ނުވަތަ ޔޫރަޕިއަން ގޯލްޑެން ބޯއީ އެވޯޑަށް ނޮމިނޭޓްވި 20 ކުޅުންތެރިންގެ ލިސްޓް ހާމަކުރިއިރު، ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަންސު ފަޓީ އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޭޑަން ސަންޗޯ އާއި އާލިން ހާލަންޑް ހިމެނިއްޖެއެވެ.
ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޭޑަން ސަންޗޯ އާއި އާލިން ހާލަންޑް އަކީ 2019 ވަނަ އަހަރުގައިވެސް މި އެވޯޑަށް ވާދަކޮށްފައިވާ ދެ ކުޅުންތެރިންނެވެ.
އިޓަލީގެ ނޫހެއްކަމަށްވާ ޓުޓޯސްޕޯޓް އިން 2003 ވަނަ އަހަރުން ފެށިގެން ޔޫރަޕްގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވުމަށްފަހު ކޮންމެ އަހަރަކު ދެމުން އަންނަ މި އެވޯޑަށް މިދިޔަ އަހަރު ވެސް ސަންޗޯ އާއި ހާލަންޑް ނޮމިނޭޓްވި ނަމަވެސް އެފަހަރުގެ މި އެވޯޑް ހާސިލް ކުރީ ޕޯޗުގަލްގެ ތަރި ޔާއޯ ފެލިކްސްއެވެ. މިފަހަރުގެ މި އެވީޑަށް އަންސު ފަޓީ ވާދަކުރާ މީ ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ އެވޯޑް ހާސިލްކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިއަކީ ވެސް ބާސެލޯނާގެ ޒުވާން ފޯވާޑް އަންސު ފަޓީއެވެ. އޭނާ އަންނަނީ މިފަހަރުގެ ސީޒަންގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މޮޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ފުރަތަމަ އެގާރައިގައި ހިމެނިގެން ބާސާ މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ މި ހަތަރު މެޗުގައި ތިން ގޯލު ކާމިޔާބު ކޮށްފައެވެ. އޭނާ އަކީ ނިމިގެން ދިޔަ ސެޕްޓެމްބަރު މަހު ބާސެލޯނާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޮވުނު ކުޅުންތެރުޔާއެވެ.
ދެން މި އެވޯޑް ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިއަކީ ހާލަންޑް އެވެ. އޭނާ ވެސް އަންނަނީ މިފަހަރުގެ ސީޒަނުގައި ޑޯޓްމުންޑުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ހާލަންޑު މިހާތަނަށް ސީޒަނުގައި ހަތަރު މެޗު ކުޅެފައިވާއިރު، އޭނާ ވަނީ މި ހަތަރު މެޗުގައި ދެ އެސިސްޓް ހަދާ 4 ގޯލު ޖަހާފައިވެއެވެ.
މިފަހަރުގެ ގޯލްޑަން ބޯއީ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންނަށް ބަލާއިރު، ޕްރިމިއާ ލީގަށް ނިސްބަތްވާ ހަތަރު ކުޅުންތެރިއަކު އެބަ ތިއްބެވެ. އޭގެ ތެރޭގައި މެންޗެސްޓާރ ސިޓީގެ ފެރަން ޓޯރޭސް އާއި ފިލް ފޮޑެން ގެ އިތުރުން އާސެނަލްގެ ބުކާޔޯ ސާކާ އާއި މެންޗެސްޓާރ ޔުނައިޓެޑުގެ މޭސަން ގްރީންވުޑް ގެ އިތުރުން ޗެލްސީގެ ކަލުން ހުޑްސޮން އޮޑީއެވެ. މީގެއިތުރުން، އެމެރިކާގެ ޒުވާން ތަރިން ކަމަށްވާ ސާޖިއޯ ޑެސްޓް އާއި ރެއާލް މެޑްރިޑްގެ ވިނީޝަސް ޖޫނިއާ އަދި ބަޔާން މިއުނިކްގެ އުއްމީދީ ޑިފެންޑަރު އަލްފޮންސޯ ޑޭވީސް ވެސް ވަނީ މި ލިސްޓުން ޖާގަ ހޯދާފައެވެ.
މީގެ 16 ވަރަކަށް އަހަރު ކުރީން ދޭން ފެށި މި އެވޯޑް އެންމެ ފުރަތަމަ ހޯދީ އޭރު އަޔެކްސް އަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ރަފައެލް ވެން ޑަ ވާޓް އެވެ. އޭގެފަހުން، ޖެހިގެންއައި ދެ އަހަރު މި އެވޯޑް ހާސިލްކުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.
މީގެކުރީން މި އެވޯޑް ހާސިލްކޮށްފައިވާ ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންގެ ތެރޭގައި، ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ އާއި ނޭމާ އަދި އެޑިންސަން ކަވާނީގެ އިތުރުން ސިޓީގެ ސާޖިއޯ އަގުއޭރޯ އާއި ރަހީމް ސްޓާލިން އަދި ޔުނައިޓެޑަށް މިހާރު ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި ކުރިން އާސެނަލް އާއި ބާސެލޯނާ އަދި ޗެލްސީ އަށް ކުޅުނު ފްރާންސެސްކް ފަބްރެގާސް އަދި ރެއާލް މެޑްރިޑްގެ އިސްކޯ ހިމެނެއެވެ.
މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންނަށް ވޯޓު ދެނީ ޔޫރަޕްގެ މަޝްހޫރު ބައެއް ގައުމުތަކުގެ ނޫސްވެރިންނެވެ. މިގޮތުން މި އެވޯޑަށް ވޯޓުދޭ ނޫސްވެރިން ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނު، ސްވިޒަލެންޑް، ޕޯޗުގަލް، ފްރާންސް، ސްޕެއިން، ގްރީސް، ރަޝިއާ، ނެދަލެންޑްސް އަދި ޔުނައިޓެޑް ކިންގްޑޮމް ހިމެނެ އެވެ. ކޮންމެ ނޫސްވެރިއަކު ވެސް ފަސް ކުޅުންތެރިއަކު ހޮވާއިރު ވަކި ތަރުތީބަކުން ކުޅުންތެރިންނަށް ވޯޓު ދޭނެ އެވެ. މިފަހަރުގެ އެވޯޑުގައި 40 ކުޅިވަރު ނޫސްވެރިން ވެސް ވޯޓް ދޭނެއެވެ.
މިއަހަރުގެ މި އެވޯޑް ދިނުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.
ގޯލްޑެން ބޯއީ އެވޯޑަށް ނޮމިނޭޓްވީ ބައެއް ކުޅުންތެރިން:
- އަންސޫ ފާޓީ (ބާސެލޯނާ)
- ރޮޑްރީގޯ (ރެއާލް މެޑްރިޑް)
- ވިނީޝަސް ޖޫނިއާ (ރެއާލް މެޑްރިޑް)
- ޑެޖަން ޖެކްލޯސްކީ (ޔުވެންޓަސް)
- ސަންޑްރޯ ޓޮނާލީ (އޭސީ މިލާން)
- މިކޭލް ބެކާ (ޕީއެސްޖީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް