ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަނު ކުރުމަށް ވޯޓަށް އެހުން މާދަމާ އޮންނަ ރައްޔިތުންގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި އެއްއައިސީއިން ހުސްވެފައިވާ ތިން މަގާމަށް މެމްބަރުން އައްޔަން ކުރާނެ އެވެ. ކޮމިޓީން ނިންމާފައިވަނީ ތިން މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި 17 ނަން ދިރާސާ ކުރުމަށްފަހު ހަތް މީހެއްގެ ނަން ތަޅުމަށް ފޮނުވުމަށެވެ.
އެންއައިސީގެ މިތިން މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
އެންއައިސީއަށް މެމްބަރުން ހޮވުމަށް ވޯޓަށް އެހުމުގެ އިތުރުން ދެން މާދަމާ އޮންނާނީ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާ ގުޅުންހުރި މައްސަލަތައް ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.
މީގެ އިތުރުން އިބްތިދާއީ ބަހުސް މަރުހަލާގައި އޮތީ ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ހުށަހަޅުއްވާ ފައިވާ، ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލު ހުށަހަޅާ އެބިލަށް ބަހުސްކުރުމެވެ. އަދި ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލްގެ ބަހުސާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ވެސް ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް