ރާއްޖޭގެ އިންޑިއާ ސިފައިން ތިބުމަކީ މިނިވަންކަމަށް އޮތް ގޮންޖެހުމެއް: އުމަރު

ރާއްޖޭގެ ތިން ސަރަހެއްދެގައި މިހާރު ރުކުރަވާލައިފައިވާ އިންޑިއާ ސިފައިންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ގޮންޖެހުން ބޮޑުކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކ...

18 Oct 2020 | 12:29

ރާއްޖޭގެ ތިން ސަރަހެއްދެގައި މިހާރު ރުކުރަވާލައިފައިވާ އިންޑިއާ ސިފައިންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ގޮންޖެހުން ބޮޑުކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އުމަރު ނަސީރު ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގެ ތިން ސަރަހެއްދެގައި މިހާރުވެސް އިންޑިއާއިން ވަނީ އެގައުމުގެ އަސްކަރިއްޔާ ގާއިމްކޮށްފައި ކަމަށެވެ. އެގޮތުން ގާއިމް ކޮށްފައިވާ ސިފައިންގެ އަދަދު 200އަށް އަރާކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުންނަމަ އެއީ ރާއްޖޭގެ މިނިވަންކަމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

"އިންޑިއާގެ އަސްކަރިއްޔާގެ 200 ސިފައިން ތިން ސަރަހައްދެގައި ވަނީ ރުކުރުވާލާފަ، މިއީ ދިވެހި ރާއްޖޭގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ގޮން ޖެހުމެއް" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އިތުރުވުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ރާއްޖޭގެ މިނިވަންކަން ދިފާއުކުރަން އަބަދުވެސް ތެދުވާނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަދަދަކީ 200 ކަމަށް އުމުރު ވިދާޅުވިޔަސް މީގެ ކުރިން ޑިފެން މިނިސްޓްރީން ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ބުރޫ އަރާނެ ކަމަށް ބުނެ އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދައިފަ އެވެ.

ޗީފް އޮފް ޑިފެން ފޯސް މޭޖާ ޖެނެރަލް އަބްދުއްﷲ ޝަމާލް ވިދާޅުވެފައ ިވަނީ، ރާއްޖޭގައި ތިއްބެވީ ހިޔުމެނެޓޭރިއަނުންގެ ގޮތުގައި ތިބި ސިފައިން ކަމަށެވެ. އަދި އެމީހުންގެ އަތުގައި ހަތިޔާރު ނުހުންނާނެ ކަމަށެވެ. އެހެންކަމުން ޑިޕްލޮމެޓިކް ވިސާގައި ތިިބި އެ ހިޔުމެނެޓޭރިއަން ސިފައިންގެ ފަރާތުން ނުރައްކަލެއް ނެތްކަމަށް ޝަމާލް ވިދާޅުވި އެވެ.

މި ވަގުތު އިންޑިއާގެ ސިފައިން ގާއިމްވެ ތިބީ ސަރަައްދުތަކަކީ އައްޑޫ ސިޓީ، ލ.ގަން އަދި ހދ ހަނިމާދޫގަ އެވެ. މިތިން ސަރަހައްދަކީ ވެސް ސްޓެރެޖެޓިކަލީ ރާއްޖެއަށް އަދި އިންޑިއާ ކަނޑުގެ ޖިއޯ ޕޮލިޓިކްސްއަށް އިންޑިއާށް މުހިންމު ތިން ސަރަހައްދެވެ.

އަބަދުވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑުއުފުލާ އުމަރު ވިދާޅުވީ، މި ޒަމާނުގައި ދުނިޔޭގެ ބާރުތަކުން ގައުމުތައް އަޅުވެތި ކުރަނީ ކުރީގައި އާންމު ގޮތެއްގައި ހަނގުރާމަ ކުރާ އުސޫލަކުން ނޫން ކަމަށާއި، މި ޒަމާނުގައި އަޅުވެތިކަމުގެ ދަށަށް ގެންދިއުމުގައި ތަފާތު އުކުޅުތައް ބޭނުން ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް