ބޭރުގެ ބާރަކުން އައިސް ރާއްޖެ އަޅުވެތިކޮށްފާނެ ކަމުގެ ބިރަށްވުރެ ބޮޑަށް މިހާރު ރާއްޖެ އަޅުވެތިވެފައިވަނީ މުޖުތަމައުގައި ހުރި އިޖްތިމާއި އަހްލާގީ ވަބާތަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 77 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އިމްރާން ދެއްވި ހިތާބުގައި ވިދާޅުވީ، މިވަގުތު ރާއްޖެ އަޅުވެތިވެފަައިވަނީ މުޖުތަމައުގައި ހުރި އިޖްތިމާއި އަދި އަހްލާގީ ވަބާތަކަށްވުމުން، އެކަންކަމަށް ހުރިހާ ރައްޔިތުން ވިސްނާ ފިކުރުކޮށް އެފަދަ ކަންކަން ހައްލު ކުރުމަކީ ފަރުދީ ޒިންމާއެއްްގެ ގޮތުގައި ދެކިގެން ހައްލުކުރަން ޖެހޭ ކަމަށެވެ.
"ދުރުން ބޭރުން އަރާގެން އައިސް އަޅުގަނޑުމެން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މިވަގުތު އަޅުގަނޑުމެން އަޅުވެތިވެފައި މިވަނީ މިދެންނެވި އިޖްތިމާއި އަހުލާގީ ވަބާތަކަށް" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
މިއަދުގެ ހިތާބުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ގައުމިއްޔަތަށް ދިމާވެފައިވާ އެހެނިހެން ބޮޑެތި ބައެއް ގޮންޖެހުންތަކަކީ ދިވެހިންގެ މެދުގައި ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާ އާއި ކުޑަކުދިންނާއި އަންހެނުންނަށް ގޭތެރޭގެ ވެށިގައާއި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާއާއި ގޯނާ އާއި ފުރައްސާރައިގެ އިތުރުން އިސްލާމްދީނުގެ ސައްހަ އަގީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އިތުރުވަމުން ދާދިއުން ކަމަށެވެ.
ގައުމިއްޔަތަށް ދިމާވެފައިވާ މައްސަލަތަށްް ހައްލުކުރަން އިޖާދީ ވިސްނުމަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވިއިރު ހަމަ ނުކުތާގައި އިމްރާން ވިދާޅުވީ، މުޖުތަމައުގައި ފޮރުވިގެން ތިބި ހަތުރުން ބައެއް ފަހަރަ ވިސްނުމުގެ ރާޑަރަށް ނާރައި ދާ ކަމަށެވެ.
"ވަރަށް ގިނަފަހަރަށް އަޅުގަނޑުމެންގެ ގާތުގައި އަޅުގަނޑުމެންގެ ތެރޭގައި ފޮރުވިފައިވާ އަޅުގަނޑުމެންގެ ދުޝްމަނުން އަޅުގަނޑުމެންގެ ވިސްނުމުގެ ރާޑަރަށް ގެއްލިގެންދޭ" އިމްރާން ވިދާޅުވި އެވެ.
ހިތާބު ނިންމާލަމުން އިމްރާން ވިދާޅުވީ، މުޖުތަމައުގައި ހުރި ނޭދެވޭ އަހްލާގީ ކަންކަން ހައްލުކޮށް ގައުމިއްޔަތު މިނިވަންކުރުމަށް އަބުރުވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައި ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި އެމަނިކުފާނުގެ ކެބިނެޓުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް ސޯލިހުއާއި ކެބިނެޓުން ކަނޑައަޅާ އިރުޝާދުގެ ދަށުން ކަންކަން ތަންފީޒުކޮށް އުޖާލާ އަބުރުވެރި މުސްތަގުބަލެއް ރައްޔިތުންނަށް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އިމްރާން ވަނީ ދެއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް