ސަރުކާރުގެ ހާރިޖީ ސިޔާސަތު ވަރަށް ކާމިޔާބު: އާޒިމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތު ވަރަށް ކާމިޔާބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެ...

18 Oct 2020 | 10:54

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތު ވަރަށް ކާމިޔާބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން ހަފްތާއެކު އެއްފަހަރު ނެރުއްވާ ހަބަރު ސިޓީގައި އާޒިމް ލިޔުއްވާފައިވާ ލިޔުމެއްގައޮ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތަށް އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރަން ނުޅޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އެބުނާ ގޮތަށް ރާއްޖެއަށް އިންޑިއާއިން އަތްގަދަ ކުރާތަން ބަލަން ދުނިޔެ ނޯންނާނެ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންޑިއާއާއެކު އޮންނަ ގުޅުން މިހާރު ވަރުގަދަ ވުމުން އިންޑިއާއިން ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރާނެ އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސާތަށް ތައުރީފު ކުރައްވާ ހަބަރު ސިޓީގައި އާޒިމް ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެންނަނީ ވަރަށް ހަރުދަނާ އަދި ހިކުމަތްތެރި ސިޔާސަތެއްގެ ގޮތުގައި ކަމަށެވެ. އަދި އިންޑިއާއި ގުޅުން ބަދަހިވެފައިވާއިރު ޗައިނާއަކީ ވެސް ގާތް ރަހުމަތްތެރިއެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އަރަބި ގައުމުތަށް ހިމެނޭހެން ޔޫރަޕުގެ ގައުމުތަކާއެކ ުވެސް ރާއްޖެއިން ގެންދަނީ ރަނގަޅު ގުޅުމެއް ބާއްވަމުން ކަމަށް އާޒިމް ވިދާޅުވި އެވެ.

"އިންޑިއާއާ ވަރަށް ގާތެވެ. ހަމަ މިގޮތަށް ޗައިނާއާ ވެސް ރަށްޓެއްސެވެ. ސައުދީ އަރައްބިޔާ އާއި މެދުއިރުމަތީގެ ގައުމުތަކާވެސް ރަހުމަތްތެރި އެވެ. ޔޫރަޕުގެ ގައުމުތަކާއި އެމެރިކާއާވެސް ގުޅުން ބަދައްސެވެ،" އާޒިމް ވިދާޅުވި އެވެ.

ވެރިކަމުގެ ދެ އަހަރު ތެރޭގައި ބައިނަލްއަގްވާމީ މުޖްތަމައިން ރާއްޖެ ބަލައިގަނެފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. ބައިނަލްއަގްވާމީ މުޖްތަމައިން ރާއްޖެ ބަލައިގަނެފައިވާކަން އެގެނީ ރައީސް ސޯލިހުއަށް އެގައުމުތަކަށް ޒިޔާރަތް ކުރުމަށް އެދި ލިބެމުންދާ ދައުވަތުތަކުން ކަމަށެވެ.

ހަމަ މިއާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހާރިޖީ ސިޔާސަތަށް އާޒިމް ވަނީ ފާޑު ވެސް ވިދާޅުވެފަ އެވެ. ފާޑު ވިދާޅުވެ އާޒިމް ވިދާޅުވީ އޭރު ރާއްޖެއާ މެދު ރަނގަޅު ނިޔަތެއްގައި ބަލައިލަނީ އެންމެ ތިން ގައުމުން ކަމަށެވެ.

ނަމަވެސް، ނިމިދިޔަ ސަރުކާރުގެ ފަސް އަހަރު، އެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާކަން އެންމެ ރަނގަޅަށް އެނގެނީ، ދުނިޔޭގެ ތިން ގައުމެއް ފިޔަވައި، އެހެން އެއްވެސް ގައުމަކުން މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އެ ގައުމުތަކަށް ވަޑައިގަތުމުގެ ފުރުސަތު ނުލިބުމެވެ،" އާޒިމް ވިދާޅުވެފައިވެ އެވެ.

އިންޑިއާއާ ދެކޮޅަށް އިދިކޮޅުން އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއް ކުރަނީ މުޅީން އެހެން މަގުސަދެއްގައި ކަމަށާއި އެ މަގުސަދަކީ އެއީ ހާރިޖީ ސިޔާސަތަށް ނުފޫޒު ފޯރުވައި މި ސަރުކާރު ބަދަލުކޮށް، ކޮރަޕްޝަންގެ ދައުވާތަކުން ސަލާމަތްވުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް