ވަކީލުންނަކީ ހަމައެކަނި މާލީ ތަނަވަސްކަން ހޯދާ ބަޔަކަށް ވެގެން ނުވާނެ: އުއްތަމަ ފަޑިޔާރު

ވަކީލުންނަކީ ހަމައެކަނި މާލީ ތަނަވަސްކަން ހޯދަން ބަޔަކަށް ވެގެން ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ. ބާ ކައުންސިލުން ފުރަތަމަ ފަހަރަށް ވަކީލުން ހުވާކުރަން...

18 Oct 2020 | 10:47

ވަކީލުންނަކީ ހަމައެކަނި މާލީ ތަނަވަސްކަން ހޯދަން ބަޔަކަށް ވެގެން ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ބާ ކައުންސިލުން ފުރަތަމަ ފަހަރަށް ވަކީލުން ހުވާކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަޑިޔާރު ވިދާޅުވީ، ވަކީލުންނަށް އާމުޒުވާ އެންމެ ބޮޑު ތުހުމަތަކީ އެއީ ހަމައެކަނި މާލީ ތަނަވަސްކަމަށް މަސައްކަތްކުރާ ބައެއް ކަމަށް ބުނެ އަމާޒުވާ ފާޑު ކިޔުން ކަމަށެވެ. އަދި ވަކީލުންގެ ދާއިރާެއަށް މާލީ ތަނަވަސްކަން ހޯދުމުގެ ނިޔަތުގައި ވަންނަ ކަމުގައި ވަނީނަމަ އެ ދައިރާއިން ކުރިއެރުމުގެ ފުރުސަތު ގެއްލިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގިނަ މުޖްތަމައުތަކުގައި ގާނޫނީ ވަކީލުން ތަސައްވަރު ކުރެވިފައިވަނީ މުޅި މުޖްތަމައުގެ މަންފާއަށް މަސައްކަތްކުރާ ބަޔަކަށްވުރެ ބޮޑަށް ބައެއްގެ މުއްސަނދިކަމާއި މާލީ ތަނަވަސްކަން އިތުރުކުރާ ބައެއްގެ ގޮތުގައި ކަމަށް އުއްތަމަ ފަޑިޔާރު ވިދާޅުވި އެވެ. އަދި އެއީ މުޅިން އެކަމުގެ މުޅި ހަގީގަތް ކަމުގައި ނުވިޔަސް ގިނަ ބަޔަކަށް ދޫކޮށްލަން ދަތިވެފައިވާ ވިސްނުމަކީ ވެސް އެއީ ކަމަށް އުއްތަމަ ފަޑިޔާރު ވިދާޅުވި އެވެ. މީގެ އިތުރުން އުއްތަމަ ފަޑިޔާރު ވިދާޅުވީ، ވަކީލުންނާ މެދު ބައެއް މީހުންގެ ހިތްހަމަ ނުޖެހުން އަބަދުވެސް އޮންނާނެ ކަމަށާއި އެ ހަގީގަތް ގާބުލުކުރަން ޖެހޭނެ ކަމަށެވެ.

އަދި ވަކީލުކަމަކީ ހައްގަކަށް ވުރެ ބޮޑަށް ޝަރަފެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މަސައްކަތުގެ އަހްލާގު ވީހާވެސް ބޮޑަށް ހިފަހައްޓައި ވަކީލުންނާ މެދު ނުބައި ތަސައްވަރު އުފެދިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އުއްތަމަ ފަޑިޔާރު ވިދާޅުވި އެވެ.

ވާހަކަފުޅު ނިންމާލުމުން އުއްތަމަ ފޑިޔާރު ވިދާޅުވީ، މާލީ ތަނަވަސްކަން ނެތް މީހުންނާއި އިންސާނީ ހައްގުތައް ގެއްލިފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރުމުގައި ވަކީލުން ބައިވެރިވުން މުހިންމު ކަމަށާއި އަދި ދުސްތޫރީ ނިޒާމަށް ކުރިމަތިިވާ ނޭދެވޭ ކަންކަމާ ދެކޮޅަށް ވަކީލުން އަބަދުވެސް ތެދުވާން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް