ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރު ފައުޅުވި ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ ގިނަ ގިނައިން އަތް ދޮވެ، ސާފު ކުރުމެވެ.
ސިއްޙީ ޚިދުމަތްތެރިން މިގޮތަށް އިރުޝާދު ދެމުން ގެންދާތީ ގިނަ ބަޔަކު ދަނީ އެކަން ކުރަމުން ނެވެ. އަދި ކޮންމެ ގެއެއްގައި ނުވަތަ ފިހާރަ، ކެފޭ އަދި ރެސްޓޯރެންޓު ފަދަ ތަންތަނަށް ވަންނަ އިރު، ހުން ބަލައި، އަތް ދޮވުމަށް ހޭންޑް ސެނެޓައިޒަރ ދެއެވެ.
މި ބަލިމަޑުކަމުން ސަލާމަތްވުމަށް ކޮންމެ މީހަކީވެސް ސެނަޓައިޒަރ ފުޅިއެއް ހިފައިގެން އުޅޭ މީހެކެވެ. ވަރަށްވެސް ރަނގަޅެވެ. ސިއްޙީ މާހިރުން ދެއްވާ ނަޞޭހަތް އަޑުއަހާ، އެގޮތަށް ޢަމަލު ކުރެވޭތޯ ރައްޔިތުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.
އޭގެ ނަތީޖާވެސް ﷲ ގެ ވާގިފުޅާއެކު ރަނގަޅެވެ. ކުރިއާ އަޅާ ބަލާ އިރު، ބަލި ޖެހޭ މީހުންގެ ނިސްބަތް އަންނަނީ މަދުވަމުން ނެވެ. އެކަމަކު އެއީ ހިތްހަމަ ޖައްސާލެވޭނޭ ކަމެއް ނޫނެވެ. "ފަހުން ނަގާ ރާޅު، ބޮޑުވާނޭ" ބުނާ ބީދައިން "ރައްކާވެ ތިބިއްޔާ ދަތުރު" އެހެންނޫންތޯ އެވެ.
ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ސިއްހީ މާހިރުން އިރުޝާދު ދެމުންދާ އިރު، ރާއްޖެއަށް އެތައް ވައްތަރެއްގެ ސެނެޓައިޒަރ މިހާރު ވަނީ އެތެރެވެފަ އެވެ. އަދި އަންނަނީ ބޭނުން ވެސް ކުރަމުން ނެވެ.
އެހެންނަމވެސް، މި ހުރިހާ ސެނެޓައިޒަރ އަކީ އެމީހެއްގެ ހަމަށް އެންމެ އެކަށީގެންވާ ވައްތަރަށް ނުވެދާނެ އެވެ. މިހެން ވެއްޖެ ނަމަ، އިތުރު ބޮޑު ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިދާނެ އެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މިފަދަ ހާދިސާތައް ހިނގައި، ބައެއް މީހުން ހަސްފަތާލުގައި އެނދުމަތި ކޮށްގެން ފަރުވާ ދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުން ނެވެ.
އެހެންކަމުން ފެންނަ ކޮންމެ ސެނެޓައިޒަރ އެއް ބޭނުން ކުރުމުގެ ބަދަލުގައި ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާގެ މަތިން ސެނެޓައިޒަރ ބޭނުން ކުރުމަކީވެސް ބުއްދިވެރި ކަމެކެވެ. ނޫން ނަމަ، ފަހުން ބޮޑު ހިތާމައެއް ކުރަން ޖެހިދާނެ އެވެ.
ފުރަތަމަ ކަމަކީ ތިމާގެ ސިއްހަތު ދުޅަހެޔޮކަން މަތީ ބެހެއްޓުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް