މި ސަރުކާރުން ތަންފީޒުކުރަމުންދާ މުހިންމު އެއް ސިޔާސަތަކީ, ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް, ދެމެހެއްޓުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުރިހާ ގައުމަކާއެކު ރާއްޖެއިން ހާރިޖީ ގުޅުންތައް ހަރުދަނާކުރަމުންދަނީ ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރުމުގެ ނިޔަތުގައި ކަމަށެވެ. ފުރަތަމަ ކަމަކީ, ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުންކަމަށާއި, ދެވަނަ ކަމަކީ, އެ ގުޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރުކުރުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ރާއްޖެ އޮތީ ބައިނަލްއަޤްވާމީ މުޖްތަމައާއި ވަރަށް ބޮޑަށް އެކަހެރި ވެފައިކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ލިބެން ހުރި އެތަކެއް މަންފާއަކާއި އެހީއަކުން މަޙްރޫމުވެފައިކަމުގައި ވިދާޅުވިއެވެ.
އެކަމަކު އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު އޮތް ގުޅުންތައް މިހާރު އިތުރަށް ބަދަހިވަމުން އަންނަކަމަށާއި, އަދި އޭގެ ފައިދާ ވެސް ލިބެމުން އަންނަކަން ފާހަގަ ކުރެއްވި އެވެ. އޭގެ މިސާލެއްގެ ގޮތުން ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ވެސް، ބައިނަލްއަޤްވާމީ މުޖްތަމަޢުން ލިބެމުން އަންނަ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސްގެ ހިތޯބުގައި އިތުރަށް ވިދާޅުވީ ގައުމީ ވާޖިބަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އައުކުރުމާއި, ބޮޑުތަކުރުފާނާއި އަދި އެކި ދުވަސްވަރު، ރާއްޖޭގެ މިނިވަންކަމަށްޓަކައި، ޤުރްބާންވެވަޑައިގެންނެވި ބަޠަލުންގެ ހަނދާންތައް އައުކޮށް، އެ ބަޠަލުންނަށް ހެޔޮ ދުޢާކުރުންކަމުގައެވެ. އަދި މިއަދުވެސް ދިވެހިންނަށް ލިބޭ ފަޚުރާ ހިތްހަމަ ޖެހުމަކީ ޤައުމަށްޓަކައި، އަދި ރައްޔިތުންގެ ދިފާޢުގައި ފުރާނަޔާއި ލެއިން ޤުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް ޤައުމުގައި ސާބިތުވެ އޮތުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ޤައުމީ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ އެދުވަހަކީ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްގެން އުޅެމުންދިޔަތާ 15 އަހަރާއި ހަ މަސްވެފައި ވަނިކޮށް، އުތީމު ތިން ބެއިންގެ ޤައުމީ ޖިހާދުގައި، ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ދުވަސްކަމުގައިވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް