ކޯވިޑް-19 އާއި ގުުޅިގެން ސްކޫލްތަކުގައި ކިޔަވައިދިނުން މެދުކަނޑާލާފައި އޮތުމަށް އަލުން ފެށިފަހުން ސްކޫލްތަކުގައި ކިޔަވައިދޭން ފަށަން ނިންމާފައިވާ ގްރޭޑްތަކުގެ އިތުރުން އެހެން ގްރޭޑްތަކަށް މި އަހަރު ކިޔަވައިދޭން ސްކޫލްތަކުގައި ނުފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަލުން ސްކޫލްތަކުގައި ކިޔަވައިދޭން ފެށި ފަހުން މާލޭ ސްކޫލްތަކުގައި ކިޔަވައިދެމުން ދަނީ ގްރޭޑް އަށަކުން މަތީގެ ގްރޭޑް ތަކަށެވެ. އަދި އަންނަ ހަފްތާގައި ގްރޭޑް ހަތެއްގެ ކިޔެވުން ފަށާއިރު އަތޮޅު ތެރޭގައި ކިޔަވައި ދެމުން ދަނީ ގްރޭޑް 1-12 އަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ގްރޭޑްތަކުގެ އިތުރުން އެހެން ގްރޭޑްތަކަށް މިއަހަރު ސްކޫލްތަކުގައި ކިޔަވައިދޭން ނުފަށާނެ ކަމަށެވެ. އެހެން ގްރޭޑްތަކަށް ކިޔަވައިދިނުން މިއަހަރު ނިމެންދެން ކުރިޔަށް ގެންދާނީ މިހާތަނަށް އަމަލު ކުރަމުން އައި ގޮތަށް އޮންލައިންކޮށް ކިޔަވައިދީގެން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިގޮތަށް މިނިސްޓްރީގެ ވިސްނުން ހުރީ އަހަރު ނިމެން ދެން މާ ގިނަ ދުވަސް ނެތުމުން ކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލްތައް ބަންދު ކުރަން ޖެހުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރުގެ ދިރާސީ އަހަރު ނިމޭނީ އަންނަ އަހަރުގެ އޯގަސްޓު މަހު ކަމަށް ކަނޑައަޅާފައި އެވެ.
އެ މިނިސްޓްރީން ބުނީ މިގޮތަށް ނިންމި ނަމަވެސް އެއީ ދާއިމީ ނިންމުމެއްގެ ގޮތުގައި އަދި ކަނޑަނާޅާ ކަމަށެވެ.
ދިރާސީ އަހަރު ދިގު ދަންމާލުމުން އަންނަ ޖެނުއަރީން ފެށިގެން ދެ އަހަރުގެ ކިޔެވުން ކުރިޔަށް ގެންގޮސް ދިނުމަށް އެދި އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައި އެވެ. ޑރ. ރަޝީދު ވިދާޅުވީ ޕެޓިޝަނެއް ހުށަހަޅައި ނަމަ އެ ކަމާއި ބެހޭ ގޮތުން މިނިސްޓްރީން މަޝްވަރާ ކުރާނެ ކަމަށާއި އަދި އެކަމަށް ޖަވާބު ދޭނެ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ކުރިޔަށް ގެންދަނީ ރައްކާތެރިކަމުގެ ގޮތުން ރަނގަޅު ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެޗްއީއޯސީން ބުނީ ސްކޫލްތަކުގެ ކިޔެވުން ފެށިގެން މިހާތަނަށް އައި އިރު ސްކޫލް މާހައުލުން ކޯވިޑް ފެތުރިފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް