ކޯވިޑް-19 އާއި ގުޅިގެން މާލެއިން އަތޮޅުތެރެއަށް ދަތުރު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އަތޮޅު ތެރޭގެ ރަށްތަކަށް ވައިރަސް ފެތުރުން ކުޑަ ކުރުމުގެ ގޮތުން މާލެއިން ރަށްރަށަށް ދިއުމުގެ ހުއްދަ ދެނީ ތިން ކެޓަގަރީއެއްގެ މީހުންނެވެ. އެއީ ބޭސްފަރުވާއަށް މާލެ އަންނަ މީހުންނާއި، ރަސްމީ ބޭނުންތަކުގައި ރަށްރަށުން މާލެއަށް އަދި މާލެއިން ރަށްރަށަށް ދާ މީހުންގެ އިތުރުން މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަންޖެހިގެން ރަށަށް ދިރިއުޅުން ބަދަލު ކުރަން ޖެހޭ މީހުންނެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އަޅާފައިވާ ފިޔަވަޅުތަކާއި އެކު ރަށްރަށަށް ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މަދުން ނަމަވެސް ފެންނަމުންދާ ހުރިހާ ކޭސްތަކަތީ ހޯމް ކަރަންޓީން ގައި ތިބި މީހުން ކަމަށެވެ.
އޭނާ ވިދާޅުވީ އަތޮޅު ތެރެއަށް ދަތުރު ކުރުމުގައި އެންމެ އަވަހަށްވެސް ލުއި ދެވޭނީ ވަރަށް ބޮޑަށް މާލޭގައި ޕޮސިޓިވް ކޭސްތައް މަދުވެގެން ކަމަށެވެ. އަދި ކޮމިއުނިޓީ ޓްރާންސްމިޝަންގައި މިހާރު އޮތް މާލޭގެ ކޯވިޑްގެ ހާލަތު ލޯކަލް ޓްރާންސްމިޝަންއަށް ބަދަލުވެގެން ނޫނީ ފިޔަވަޅުތައް ލުއި ނުކުރެވޭނެ ކަމަށެވެ.
އިތުރަށް ވިދާޅުވީ އަތޮޅުތެރެއަށް ބަލި ފެތުރުން ކޮންޓްރޯލްކޮށްފައިވަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކާއި ބުރަ މަސައްކަތްތަކަކުން ކަމަށެވެ.
މިހާރު ރަށްރަށަށް ދާން ބޭނުންވާ މީހުން ޖެންޑާ މިނިސްޓްރީގެ ހާލު ބަލާ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެންނެވެ.
މިވަގުތު އަތޮޅުތެރޭގެ 20 ރަށެއްގައި ކޯވިޑަށް ޕޮސިޓިވް 68 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި އަށް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް