ލ. ގަމު ތުނޑީ ޒުވާނުންގެ ޓީމަކުން އިސްނަގައިގެން މިހާރު ކުރިޔައް ގެންދާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020”ގައި ރޭ ވެސް ވަނީ ފޯރިގަދަ މެޗުތަކެއް ވަނީ ކުޅެފައެވެ.
އެގޮތުން ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ގޯޅި އެސްސީއާއި ޑޭންޖަރަސް ބޯއީސް އެވެ. މި މެޗު ފަސޭހަ ކަމާއި އެކު 2-10 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ގޯޅި އެސްސީން ނެވެ.
ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ގޯޅި އެސްސީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު، އެޓީމުގެ އަޙުމަދު ޙަލީމް ވަނީ މި މެޗުގައި 5 ލަނޑު ކާމިޔާބު ކޮށްފައެވެ.
މީގެ އިތުރުން އެޓީމަށް ދެން ލަނޑުތައް ކާމިޔާބު ކޮށްދިނީ އިބުރާހީމް މުބާންއާއި ހުސެއިން ނާޝިދުއެވެ. މީގެ ތެރެއިން އިބުރާހީމް މުބާން 3 ލަނޑު ޖެހިއިރު، ހުސެއިން ނާޝިދު ވެސް ވަނީ 2 ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ޕްލޭޔަރ އޮފް ދި މެޗުގެ މަގާމަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ 5 ލަނޑު ކާމިޔާބު ކޮށްދިން ޖާޒީ ނަމްބަރ 7 އަޙުމަދު ޙަލީމް އެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކަންމަތި އެސްސީއާއި ރޯޔަލް އެފްސީ އެވެ. މި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ކަންމަތި އެސްސީ އިންނެވެ.
އެޓީމުން މި މެޗު ކާމިޔާބު ކުރީ 3-12 ގެ ނަތީޖާއަކުންނެވެ.
މި މެޗު 3-12 ގެ ނަތީޖާއިން ކަންމަތި މޮޅުވިއިރު، މިއީ މި މުބާރާތުގައި މިހާ ތަފާތު ބޮޑުކޮށް ނަތީޖާ ފެނުނު ފުރަތަމަ މެޗެވެ. މި މެޗުގައި ކަންމަތި އެސްސީ އިން މޮޅު ކުޅުމެއް ދައްކާ ބޮޑު ނަތީޖާއަކުން މޮޅުވިއިރު، އެޓީމުގެ ޖާޒީ ނަމްބަރ 9 އަލީ ހާފިޒް ( އައްޔަ ހާއްޕެ) ވަނީ މި މެޗުގައި 5 ލަނޑު ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން މި މުބާރާތުގައި މިހާތަނަށް ކަންމަތީ އެސްސީން ކުޅުނު ދެމެޗުގައި ވެސް މޮޅުވެފައިވާއިރު، މި ދެމެޗުގައި އަލީ ހާފިޒް ކާމިޔާބު ކުރި ލަނޑުގެ އަދަދު ވަނީ 10 އަށް އަރާފައެވެ. މިވަގުތު މި މުބާރާތުގެ ލީޑިން ޓޮޕް ސްކޯރާ އަކީވެސް އަލީ ހާފިޒްއެވެ.
އަލީ ހާފިޒްގެ އިތުރުން ދެން ކަންމަތީ އެސްސީ އަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ އިބުރާހީމް އަސްވަދް އާއި ހުސެއިން ޝިފާއު އާއި އަބްދުﷲ އަރީފް އާއި އިބުރާހީމް ޝަރީފްގެ އިތުރުން އަބްދުލް މަތީން އަލީއެވެ. މީގެ ތެރެއިން އިބުރާހީމް އަސްވަދް އާއި ހުސެއިން ޝިފާއު، މިއިން ކޮންމެ ކުޅުންތެރިއެއްވެސް ވަނީ މި މެޗުގައި 2 ލަނޑު ކާމިޔާބު ކޮށްފައެވެ.
މި މެޗުގެ ޕްލޭޔަރ އޮފް ދި މެޗުގެ މަގާމަށް ހޮވިފައިވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ 5 ލަނޑު ކާމިޔާބު ކޮށްދިން ކަންމަތީގެ ޖާޒީ ނަމްބަރ 9 އަލީ ހާފިޒްއެވެ. މިއީ އޭނާ މި މަގާމު ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ.
މި މުބާރާތުގައި ރޭ ކުޅެން ހަމަ ޖެހިފައި އޮތް ޔުނައިޓެޑް ކިލާ އާއި އައުޓްރީފް އެސްސީގެ މެޗު ވަނީ މިއަދު ހަވީރަށް ލަސްކޮށްފައެވެ. އެހެން ކަމުން މި ދެޓީމު ބައްދަލުކުރާ މެޗު މިއަދު ހަވީރު 4:30 ގައި ކުޅޭނެއެވެ.
މިރޭވެސް މި މުބާރާތުގެ 3 މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ގޯޅި ޖޭއާރް އާއި ސުޕަސްޓާރ ބައްދަލުކުރާއިރު، 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޑީޑީއެފް އަދި ޑޭންޖަރަސް ބޯއީސް އެވެ. އަދި މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ކަންމަތީ އެސްސީ އާއި ޑީކޭއެންޒެޑް އެވެ. މި މެޗު ފަށާނީ މިރޭ 22:30 ގައެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް