އިޓާލިއަން ސެރިއޭގައި ރޭ ކްރޮޓޯން އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ކްރޮޓޯންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެއްވަރުވެފައިވަނީ1-1 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުގައި ޔުވެންޓަސް ކްރޮޓޯންއާއި ދެކޮޅަށް ކުޅެން ނިކުތީ ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ހޯމް އައިސޮލޭޝަންގައި ހުރި ފިވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނުލައެވެ.
ރޭގެ މެޗުގައި ޔުވެންޓަސްއަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު، މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ކްރޮޓޯންއިންނެވެ. އެޓީމުން މި ލަނޑު ޖަހާފައިވަނީ ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ޖަހާ ޔުވެންޓަސްގެ ގޯލުގެ ތެރެއަށް ވައްދާލީ ނައިޖީރިއާ ފޯވާޑް ޓޮޗުކޫ ވެންކްވޫއެވެ.
ކްރޮޓޯންގެ މި ލަނޑަށް ފަހު ޔުވެންޓަސްއިން ލަނޑެއް ޖެހުމަށް ބުރަކަޮށް މަސައްކަތް ކުރިއިރު، އެޓީމުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ21 ވަނަ މިނެޓުގައި ޗީސާގެ އެހީތެރިކަމާއި އެކު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ދާދި ފަހުން ޔުވެންޓަސްއާއި ގުޅުނު އަލްވާރޯ މޮރާޓާއެވެ. މި އީ އޭނާ މިފަހަރުގެ ސީޒަނުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.
އެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހު ހާފަށް ކުޅެން ނިކުމވެސް ދެތީމުން ވަނީ ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން ދެ ޓީމަށްވެސް ފުރުސަތު ލިބުނު އިރު، އެއްވެސް ޓީމަކަށް ވަނީ މި ފުރުސަތުގެ ބޭނުން ކުރެވޭގޮތް ނުވެފައެވެ.
ރޭގެ މި ނަތީޖާއާއި އެކު ކްރޮޓޯން ވަނީ ލީގުގެ 18 ވަނަ އަށް ޖެހިލާފައެވެ. އަދި ޔުވެންޓަސް ވަނީ ކުޅުނު ހަތަރު މެޗުން ލިބުނު 8 ޕޮއިންޓާއި އެކު ލީގުގެ 4 ވަނައަށް ޖެހިލާފައެވެ.
ޔުވެންޓަސް ދެން އެންމެ އަވަހަށް ކުޅޭނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޔޫކްރެއިންގެ ޑައިނަމޯ ކިއޭވްއާއި ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅޭނީ މި މަހުގެ 20 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް