މި ސީޒަނުގެ ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި ކާޑިޒް އާއި ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކާޑިޒް އަތުން އެޓީމު ބަލިވީ 1-0 ގެ ނަތީޖާއިންނެއެވެ.
ރޭގެ މި މެޗުގައި ރެއާލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ދިޔައިރު، ރޭގެ މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ކާޑިޒް އިން ކާމިޔާބު ކުރިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ ހޮންޑިއުރަސްގެ ފޯވާޑް އެންތަނީ ލޮޒާނޯ އެވެ. މި ލަނޑު އޭނާ ޖެހީ އަލްވާރޯ ނެގްރެޑޯގެ އެހީތެރިކަމާ އެކުގައެވެ.
ލީގުގައި އަމިއްލަ ދަނޑުގައި ރެއާލް ބަލިވިއިރު، ރޭ ރެއާލް އަތުން މޮޅުވި ކާޑިޒް ވަނީ ރެއާލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ތާވަލުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު ރެއާލް ލީގުގެ އެއް ވަނައިގައި އޮތްއިރު ކާޑިޒް 10 ޕޮއިންޓް ހަމަކޮށްފައިވަނީ ހަ މެޗު ކުޅެގެންނެވެ. ރެއާލް ބަލިވި ނަމަވެސް ލީގުގައި ރޭ ރަށުން ބޭރުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވެފައި ވުމުން ރެއާލް އަދިވެސް އޮތީ އެއްވަނަ މަގާމުގައެވެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބާސެލޯނާ ވަނީ ރަށުން ބޭރުގައި ގެޓަފޭއާއި ދެކޮޅަށް ކުޅުނު މެޗުން 0-1 ގެ ނަތީޖާއިން ބަލިވެފައެވެ. އަދި އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި 2-0 އިން ސެލްޓަ ވީގޯ އަތުން މޮޅުވެފައެވެ. މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ލުއިސް ސުއަރޭޒް އާއި ޔަނިކް ކަރަސްކޯ އެވެ. ލީގުގައި ސެވިއްޔާ އިން ރަށުން ބޭރުގައި ގްރަނާޑާއާ ކުޅުނު މެޗުން ވަނީ 1-0 އިން ބަލިވެފަ އެވެ. ރޭ ހޯދި މޮޅާ އެކު އެތުލެޓިކޯ، 8 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގައި އޮތްއިރު ސެވިއްޔާ އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް