އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
އެވަޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ސަޑިއޯ މާނޭ ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް މެޗުގެ ލީޑު ނަގާދީފައެވެ. މާނޭ މި ގޯލު ކާމިޔާބުކުރީ ރޮބަޓްސަން ގޯލުގެ ކުރިމައްޗަށް ހުރަސްކުރި ބޯޅަ އަކުން އެވަޓަންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މި ލަނޑާށް ފަހު މާ ގިނައިރުތަކެއް ނުވެ އަނިޔާގެ މައްސަލަ ކުރިމަތިވެ މެޗުގެ 11 ވަނަ މިނެޓްގައި ލިވަޕޫލްގެ އިތުބާރު ޑިފެންޑަރު ވެންޑައިކް ވަނީ ބަދަލުކޮށްފައެވެ.
އެވަޓަންއިން މެޗުގެ ނަތީޖާ ހަމަހަ ކުރީ މެޗުގެ 19 ވަނަ މިނެޓްގައި ޑިފެންޑަރު މައިކަލް ކީން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ދެޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމް ހާފު ނިމުނުއިރު، މެޗުގެ 72 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ ލަނޑެއް ކާމިޔާބުކޮށްދީ ލިވަޕޫލަށް އަލުން ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 81 ވަނަ މިނެޓްގައި ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް ލެވިން ވަނީ ލަނޑެއް ޖަހާ އެވަޓަން އަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ 90 ވަނަ މިނެޓްގައި ލިވަޕޫލްގެ ތިއާގޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އެވަޓަންގެ ރިޗާލިސަން އަށް ރަތްކާޑު ދެއްކިއިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލިވަޕޫލް އިން އިތުރު ގޯލެއް ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ހެންޑަސަން ކާމިޔާބުކުރި ގޯލުގައި މާނޭ އޮފްސައިޑް ކަމަށް ނިންމާ އެ ލަނޑު ރެފްރީ ވަނީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.
މި ނަތީޖާއާއެކު އެވަޓަން އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި 10 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.
ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ޝެފީލްޑް ޔުނައިޓެޑާ އެވެ. އެވަޓަން ނިކުންނާނީ ސައުތްހެމްޓަންއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް