އިނގެތޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީން އާސެނަލްގެ މައްޗަށް ކުރި ހޯދިއިރު، ޗެލްސީ އާއި ސައުތްހެމްޓަން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ސިޓީ ރޭ އާސެނަލްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާ އިންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.
މެޗުގެ ނަތީޖާ އެއްވަރުކޮށްލަން އާސެނަލް އަށް ވެސް މި މެޗުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އާސެނަލް އަށް ވަނީ އެކަން ކާމިޔާބުބާގޮތް ނުވެފައެވެ. އާސެނަލް އިން ސިޓީގެ ގޯލަށް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ސިޓީގެ ކީޕަރު އެޑަސަންއެވެ.
ޗެލްސީ ރޭ އަމިއްލަ ދަނޑުގައި ކުޅެ ސައުތްހެމްޓަންއާ އެއްވަރުވީ 3-3 ގެ ނަތީޖާ އިންނެވެ.
ރޭގެ މެޗުގެ ފުރަތަމަ 30 މިނެޓްތެރޭ ޗެލްސީން ދެ ގޯލު ކާމިޔާބުކުރިއިރު، މި ދެ ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މިފަހަރުގެ ސީޒަނުގައި އަލަށް އެޓީމާއި ގުޅުނު ޒުވާން ފޯވާޑް ޓިމޯ ވާނާއެވެ.
ސިޓީން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑެނީ އިންގްސް ވަނީ ސައުތްހެމްޓަން އަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގެ ފުރަތަ ހާފު ޗެލްސީން ލީޑިގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ހާފަށް ކުޅެން ނިކުމެ މި ހާފުގެ ކުރީކޮޅު ޗޭ އެޑަމްސް ވަނީ ލަނޑު ޖަހާ ސައުތްހެމްޓަން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އެހެން ނަމަވެސް މެޗުގެ 59 ވަނަ މިނެޓިގައި ކައި ހަވެޓްޒް ވަނީ އިތުރު ލަނޑެއް ޖަހާ އަލުން ޗެލްސީ އަށް ލީޑު ނަގާދީފައެވެ.
މި ނަތީޖާގައި އޮވެ ޗެލްސީ މޮޅުވާން ދަނިކޮށް މެޗުގެ 90 ވަނަ މިނެޓުގައި ވެސްޓްގާޑް ވަނީ ލަނޑުޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.
ރޭގެ ނަތީޖާތަކާއެކު ސިޓީ މިހާރު އޮތީ 7 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގައެވެ. ޗެލްސީ އޮތީ 8 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ. އަދި ސައުތްހެމްޓަން އޮތީ 7 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 13 ޕޮއިންޓާ އެކު އޮތީ އެވަޓަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް