މިއަދަކީ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް !

ރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކު...

17 Oct 2020 | 20:08

ރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން ގެނެސްފައެއް ނުވެއެވެ. މިހެނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.

މިއަދަކީ މިއަހަރު ފާހަގަ ކުރާ ރާއްޖޭގެ ޤައުމީ ދުވަހެވެ. ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަ ކުރަމުންދަނީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މިއަދަކީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ކޮންމެ ޤައުމެއްގައިވެސް ކުލަގަދަގޮތެއްގައި ޤައުމީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއެވެ. އެދުވަހަކީ އެޤައުމަކަށް ލިބިފައިވާ ނިޢުމަތަކަށްޓަކައި ޙަމްދާ ޝުކުރު އާދާކުރުމުގެ ދުވަހެވެ.

ޤައުމީ ދުވަހަކީ ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ރޫޙާއި އެކުވެރިކަން އަށަގެންނެވުމުގެ ވަރުގަދަ ބިންގާ އަޅާ ދުވަހެވެ. ޤައުމުގައި އުފެދުނު އަގުހުރި ދަރީން، އެބައިމީހުންގެ ޤައުމަށް އަދާކުރި މަތިވެރި ވާޖިބަށްޓަކައި އެބައިމީހުންގެ ހަނދާންތައް އާކުރާ ދުވަހެވެ. އަދި ގައުމަށްޓަކައި ވެފައިވާ މަތިވެރި ޤުރުބާނީގެ އަގު ވަޒަންކޮށް، އެމީހުންނަށް ހެޔޮދުޢާ ކުރުމަށް އެންމެ އެކަށީގެންވާ ދުވަހެވެ. އަދި ޤައުމިއްޔަތާއި މިނިވަންކަމުގެ ރޫޙު އާލާކުރުމުގެ ދުވަސްވެސް މެއެވެ.

ޤައުމީ ދުވަސް އެކި ގޮތްގޮތަށް ރާއްޖޭގައި މީގެ ކުރިން ފާހަގަ ކުރަމުން އައިސްފައިވެއެވެ. މިހެން މިދެންނެވީ "ޤައުމީ ދުވަސް" މިނަމުގެ ބަދަލުގައި ރަބީޢުލްއައްވަލު 1 ވަނަ ދުވަހަކީ "ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން" މިނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއްވެސް އައެވެ.

ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމުގައެވެ. އެހެންކަމުން އެދުވަސް ބަދަލުވެގެން ދިޔައީ ޖުލައި 26 އަށެވެ. ހިޖުރީ ގޮތުން 1368 ވަނައަހަރުން ފެށިގެން 1398 ވަނަ އަހަރާއި ހަމައަށް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން އައީ "ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަސް" ގެ ގޮތުގައެވެ.

1997 ވަނަ އަހަރު ނޮވެމްބަރ 6 ވަނަ ދުވަހު ނެރުއްވައި، 1998 ޖެނުއަރީ 1 ވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ޤައުމީދުވަސް" ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. އެދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ. މިނޫން މިފަދަ އެހެން އެއްވެސް ދުވަހެއްގެ ވާހަކަ ޤާނޫނު އަސާސީގައި ބަޔާންވެގެންނެއް ނުވެއެވެ.

މަޢުލޫމާތު: ވިކިޕީޑިއާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް