ދުވަހުގެ ކިޔުންތެރިންނަށް ތަފާތު ލިޔުމެއް ގެނެސްދެވޭތޯ އަތްފުނާ އަޅަނިކޮށް ފެނިފައިމިވަނީ ލޯތްބާއި ގަދަރާއި އަސަރުން ފުރިފައިވާ ދިރިއުޅުމެއް އުޅެމުން ލާމަސީލު ނަމޫނާ ދެމަފިރިއެއްގެ ވާހަކަ އެވެ.
ތައު ޝޫތައި އަދި އޭނާގެ އަންހެނުން ޝިއު ހޫބީ އަކީ ޗައިނާގެ ޗޮންގޗިންގ ސިޓީގެ އަވަށެއް ކަމުގައިވާ ޔޮންގްއަން އަވަށުގައި ދިރިއުޅެމުން އަންނަ ދެ ދަނޑުވެރިންނެވެ. އުމުރުން 63 އަހަރުގެ ތައު އަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހެކެވެ. އޭނާގެ އަންހެނުން ޝިއު އަކީ ހިނގުމުގައި ނުކުޅެދުންތެރިކަމެއް ލިބިފައިވާ މީހެކެވެ.
މި ދެމަފިރިން އެކުގައި އުޅޭތާ 29 އަހަރު ވެފައިވާއިރު ދެމީހުން ދިރިއުޅެމުން އަންނަނީ ވަކިން ގެއެއްގަ އެވެ. ތައު ދެކެނީ އޭނާގެ އަންހެނުންނަކީ އޭނާގެ ލޮލުގެ ނޫރު ކަމުގަ އެވެ. ޝިއު ދެކެނީ އޭނާގެ ފިރިމީހާއަކީ އޭނާގެ ދެ ފައި ކަމުގަ އެވެ.
ތައު އޭނާގެ އަނބިމީހާ ތަންތަނަށް އުފުލުމުގައި ބޭނުން ކުރަނީ ބާސްކެޓެކެވެ. ކޮންމެ ދުވަހަކު ދަނޑަށް ދަނީ ޝިއު ގޮވައިގެން ކަމަށް ތައު ބުނެފައި ވެ އެވެ.
"މިހެން އެކަކު އަނެކަކަށް އެހީތެރިވެ ދިރިއުޅެމުން އަންނަތާ 29 އަހަރު، އަހަރެންގެ ލޮލަކަށް ނުފެނޭ، އަންހެނުންނަށް ނުހިނގޭ، އަހަރެންގެ ކޮނޑުގައި އަންހެނުން އުފުލަނީ ބާސްކެޓެއްގައި، އަހަރެމެންގެ ދިރިއުޅުމަކީ މިއީ" ތައު ބުނެފައި ވެ އެވެ.
އުފަންވި އިރު ތައުގެ އެއް ލޮލަށް ފެނެ އެވެ. ނަމަވެސް 1988ގައި ތާކުން ވެއްޓި ތައުގެ ފެނުން ވަނީ އެއްކޮށް ގެއްލިފަ އެވެ. ޝިއު އަށް ނުހިނގެނީ އޭނާގެ ފަޔަށް "ރިކެޓްސް" ނަމަކަށް ކިޔާ ބައްޔެއް ޖެހިފައިވާތީ އެވެ. އެކަކު އަނެކެއްގެ ކިބައިން ހިތްވަރުލިބި، މި ދެމަފިރިން ދިރިއުޅެމުން އަންނަނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށާއި މުޅި އުމުރަށްވެސް އެކުގައި އުޅޭނެ ކަމަށް މި ދެމަފިރިން ބުނެފައި ވެ އެވެ.
މި ލިޔުމާއި ގުޅޭ ވީޑިއޯ:
https://www.youtube.com/watch?v=aqc-orydPgw
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް