ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ: ޑރ. ޙުސައިން

މި ސަރުކާރުގެ އެންމެ ބޮޑު އެއްއަމާޒަކީ ނޫ އިޤްތިސާދު ކަމަށާއި އެކަންތައް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދައިގެން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ....

18 Sep 2020 | 12:54

މި ސަރުކާރުގެ އެންމެ ބޮޑު އެއްއަމާޒަކީ ނޫ އިޤްތިސާދު ކަމަށާއި އެކަންތައް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދައިގެން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަރޓިފިކޭޝަން އާއި ކޮމަންވެލްތު ގުޅިގެން ބޭއްވި ހައި-ލެވަލް މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ތިމާވެށި ރައްކާތެރިކުރުމަށް މިހާރުވެސް ރާއްޖެއިން ގިނަގުނަ ކަންތައްތައް ކުރަމުންގެންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޤުދުރަތީގޮތުން ޚާއްސަ ސިފަ ލިބިފައިވާ ތަންތަން ހިމާޔަތްކުރަމުން ގެންދާކަމަށެވެ. އަދި މި ކަންތައްތައް ހާސިލުކުރުމަށާއި ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވާކަމަށެވެ.

ރާއްޖެ ފަދަ ބިންތިރި ޤައުމަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ފައިސާގެ އެހީ ނުލިބޭނަމަ ދިމާވާނެ ގެއްލުންތަކާއި ގުޅޭގޮތުން މިނިސްޓަރ ކަންބޮޑުވުން ފާޅުކުރައްވާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އެހެނިހެން ގޮތްގޮތުންވެސް ކަނޑުގެ ދިރުންތަކަށް ގެއްލުންލިބޭ ކަމަށެވެ. އަދި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބެމުންދާ ކަމަށާއި މިކަންކަން ހައްލުކުރަން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށެވެ.

މީގެ އިތުރުން ދުނިޔެ ހޫނުވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުމާއި މޫދުގެ ބައެއް ދިރުންތައް ނެތިދިއުން ފަދަ ކަންތައްތަކާއި ރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި އެހެންކަމުން ޕެރިސް އެގްރީމަންޓުގައިވާގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް އަށްވުރެ އިތުރުވިޔަނުދިނުމަށް ހުރިހާ ޤައުމުތަކުގެވެސް އެއްބާރުލުން ބޭނުންވާކަމަށްވެސް މިނިސްޓަރ ވަނީ ގޮވާލައްވާފަ އެވެ.

ޔޫއެންގެ 75 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑިޒަރޓިފިކޭޝަން (ޔޫއެންސީސީޑީ) އަދި ކޮމޮންވެލްތް ސެކްރެޓޭރިއެޓް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ޔޫ އެން ސީ ސީ ޑީ އާއި ކޮމަންވެލްތް ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު މެމްބަރު ގަމުގެތަކުގެ މެދުގައި ވަނީ މަޝްވާރާކޮށްފަ އެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އަޅާ ފިޔަވަޅުތައް ބާރުމިނުގައި ކުރިއަށްގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި، ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް މަންދޫބުން ބައިވެރިވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް