އެންޓިބޮޑީ ޓެސްޓު ހެދި މީހުންގެ ތެރެއިން 4.1 ޕަސެންޓު މީހުންގެ ހަށިގަނޑުން އެންޓިބޮޑީ ވަނީ ފެނިފަ: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލުން އެންޓިބޮޑީ ޓެސްޓު ހެދި މީހުންގެ ތެރެއިން 4.1 ޕަސެންޓު މީހުންގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ ފްރަންޓްލައިންގައި މަސައްކަ...

18 Sep 2020 | 09:52

އޭޑީކޭ ހޮސްޕިޓަލުން އެންޓިބޮޑީ ޓެސްޓު ހެދި މީހުންގެ ތެރެއިން 4.1 ޕަސެންޓު މީހުންގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، އެމީހުންގެ ގޭބިސީގެ މީހުން އަދި ޑެލިވަރީ ޚިދުމަތުގެ މަސައްކަތް ކުރާ މީހުންގެ ތެރެއިން 3004 މީހަކު އެ ހޮސްޕިޓަލުން އެންޓިބޮޑީ ޓެސްޓު ހަދާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތެރެއިން 125 މީހެއްގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވާ ކަމަށެވެ.

އޭޑީކޭ އިން ބުނީ މިއީ ޓެސްޓު ހެދި މީހުންގެ 4.1 ޕަސަންޓު މީހުން ކަމަށާއި ޓެސްޓުގައި ބައިވެރިވި 3004 މީހުންގެ ތެރެއިން 412 މީހުންނަކީ ސިއްހީ ޚިދުމަތްތެރިން ކަމަށެވެ. އަދި 1257 މީހުންނަކީ ޑެލިވަރީ މަސައްކަތްތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކުގައި މަސައްކަތްކުރާ މީހުން ކަމަށެވެ.

ޓެސްޓުގައި ބައިވެރިވި ސިއްހީ ޚިދުމަތްތެރީންގެ ތެރެއިން 7 ޕަސަންޓު މީހުންގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވާ އިރު، ޑެލިވަރީ މަސައްކަތްތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 6.01 ޕަސަންޓު މީހުންގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އޭޑީކޭ އިން ލަފާކުރާ ގޮތުގައި މާލެ ސަރަހައްދުގައި 90،000 މީހުން ފްރަންޓްލައިންގައި މަސައްކަތްކުރެ އެވެ.

" އެންޓިބޮޑީ ޓެސްޓު ހެދި އެންމެންނަކީ ވެސް ޕީސީއާރު ޓެސްޓެއް ހަދާފައިނުވާ މީހުން. އެމީހުންނަކީ ކޮވިޑުގެ އަލާމާތްތައް ނުފެންނަ (އޭ ސިމްޓަމެޓިކް) މީހުން. މި ހޯދުންތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް މިހާރު ވާނީ ހިއްސާކޮށްފަ. ކުރިއަށްއޮތް ތަނުގައިވެސް އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނަން" އޭޑީކޭ އިން ބުންޏެވެ.

ރާއްޖެއަށް ކޮވިޑު ފެތުރިފައިވާ މިންވަރު ބެލުމަށް އެންޓިބޮޑީ ޓެސްޓިންގގެ އިތުރު ދިރާސާއެއް ހަދަން ޖެހޭ ކަމަށްވެސް އޭޑީކޭ އިން ބުންޏެވެ.

މީހަކަށް ކޮވިޑް ބަލި، ކުރިން ޖެހިފައިވޭތޯ ބެލުމަށާއި ކުރިން ބަލި ޖެހިފައި ހުރި މީހުން ދެނެގަތުމަށް ރޯޗް ކޯބާސް އެލެކްސިސް E411 އިމިއުނޯ އެނަލައިޒާ ބޭނުންކޮށްގެން ޓެސްޓުތައް ހެދުމަށް މި ހަރަކާތް އޭޑީކޭ އިން ހިންގާފައިވަނީ ހިލެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް