”އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުގެ ވެރިންނޭ! އިސްލާމް ދީނާ ޚިލާފު ވެބްސައިޓްތަކަށް ނުވަދެވޭގޮތް ހެދުމަކީ ތިޔަ ބޭފުޅުންގެ ޒިންމާއެއް!: ޙުތުބާ

ބަރަހަނާ މަންޒަރުތަކާއި އިސްލާމް ދީނާ ޚިލާފު ވާހަކަތަކުގެ އިތުރުން ޙައްދުފަހަނަޅައި ދިޔުމަށް ބާރު ލިބޭ ވެބްސައިޓްތަކަށް، ނުވަދެވޭ ގޮތް ހެދުމަކީ އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުގެ ވެރިންގެ ޒިންމާއެ...

18 Sep 2020 | 08:55

ބަރަހަނާ މަންޒަރުތަކާއި އިސްލާމް ދީނާ ޚިލާފު ވާހަކަތަކުގެ އިތުރުން ޙައްދުފަހަނަޅައި ދިޔުމަށް ބާރު ލިބޭ ވެބްސައިޓްތަކަށް، ނުވަދެވޭ ގޮތް ހެދުމަކީ އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުގެ ވެރިންގެ ޒިންމާއެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

އިންޓަނެޓުގެ ސަބަބުން މުޖުތަމަޢު އަށް ލިބެމުންދާ ނޭދެވޭ އަސަރުގެ މައްޗަށް ވާހަކަ ދައްކަވަމުން މިއަދުގެ ހުކުރު ޙުތުބާގައި ވިދާޅުވީ އިންޓަނެޓުގެ ޚިދުމަތް ލިބެމުން ދިއުމަކީ އުފާކުރާ އަދި އޭގެ ޒަރީއާއިން ނުހަނު ބޮޑެތި ފަސޭހަތަކެއް ލިބެމުންދާ ޚިދުމަތެކެވެ. އެއާމެދު އިންކާރު ނުކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އެހެން ނަމަވެސް އޭގެ ސަބަބުން މުޖުތަމަޢުތަކަށް ކުރަމުން ދާ ނޭދެވޭ އަސަރުތައްވެސް ކުޑައެއް ނޫންކަމަށާއި އެގޮތުން އިންޓަނެޓުގެ ޒަރީއާއިން ބަރަހަނާ މަންޒަރުތައް އެކުލެވޭ ވެބްސައިޓްތަކަށާއި، އިސްލާމް ދީނާ ޚިލާފު ވާހަކަތަކާއި ދީނުގެ ނަމުގައި ޙައްދުފަހަނަޅައި ދިޔުމަށް ހިތްވަރުދެވޭ ވެބްސައިޓްތައްވެސް ހުރުމާއި އެކު އެފަދަ ސައިޓިތަކަށް ނުވަދެވޭ ގޮތް ހެދުމަކީ އެފަދަ ކުންފުނިތަކުގެ ވެރިންގެ ޒިންމާއެއް ކަމަށް ޙުތުބާގައި ވިދާޅުވިއެވެ. އެހެންކަމުން، އެފަދަ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ދެއްވުމަށް މިމިންވަރު މަތިން ގޮވާލާ ކަމަށާއި އަދި ﷲ ތަޢާލާ އެފަދަ ކުންފުނިތައް ހިންގާ ވެރިންގެ ވިޔަފާރީގައި ބަރަކާތްލެއްވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.

ޚުތުބާގައި ވިދާޅުވީ ”އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުގެ ވެރިންނާއި ހިއްސާދާރުންނޭވެ! ތިޔަބޭފުޅުންގެ އަތްމަތިން ދިވެހި މުސްލިމް އުއްމަތަށް ލިބެމުންދާ އިންޓަނެޓްގެ ޚިދުމަތުގެ ފަސޭހަކަމަކީ އެއާމެދު އިންކާރު ނުކުރެވޭނެ ކަމެކެވެ. ހަމައެއާ އެކު، ބަރަހަނާ މަންޒަރުތައް އެކުލެވޭ ވެބްސައިޓްތަކަށާއި، އިސްލާމް ދީނާ ޚިލާފު ވާހަކަތަކާއި ދީނުގެ ނަމުގައި ޙައްދުފަހަނަޅައި ދިޔުމަށް ހިތްވަރުދެވޭ ވެބްސައިޓްތަކަށް، ނުވަދެވޭ ގޮތް ހެދުމަކީ ތިޔަ ބޭފުޅުންގެ ޒިންމާއެކެވެ. އެހެންކަމުން، އެފަދަ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ދެއްވުމަށް މިމިންވަރު މަތިން ގޮވާލަމެވެ. ﷲ ތަޢާލާ ތިޔަބޭފުޅުންގެ ވިޔަފާރީގައި ބަރަކާތްލައްވާށިއެވެ!“

މީގެ އިތުރުން އިންޓަނެޓަކީ، މިއަދުގެެ ދަރިންގެ ތަޢުލީމަށް ނުހަނު މުހިންމު އެއްޗެއް ކަމަށް ފާހަގަ ކުރަށްވަމުން މިއަދުގެ ހުކުރު ޙުތުބާގައި ވިދާޅުވީ ދަރިންގެ ކިޔެވުމަށް އިންޓަނެޓުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އިންޓަނެޓަކީ އޭގެ އަޑި ނޭނގޭހާ ފުން، ނުރައްކާތެރި، ކަނޑެއް ފަދަ ވަސީލަތެއްކަން ކިޔަވާ ކުދިންގެ ބެލެނި ވެރިންނަށް މިއަދުގެ ހުކުރު ޙުތުބާގައި ހަނދާންކޮށްދެއްވާފައިވެއެވެ.

އަދި މީގެ އިތުރުން އިންޓަނެޓް މެދުވެރިކޮށް އަތުވެދާނެ ނުރައްކާތެރި ޙަމަލާއެއްގެ ޝިކާރައަކަށްނުވެ، އަމިއްލަ ނަފްސާއި އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރުކުރާ ޙާލުގައި، އިންޓަނެޓް ބޭނުންކުރުމަށް ދަރިންނަށް ދަސްކޮށްދޭން ވެސް ބެލެނިވެރިންނަށް މިއަދުހެ ޙުތުބާގައި ގޮވާލާފައިވެއެވެ.

ޚުތުބާގައި ވިދާޅުވީ ”ލޮބުވެތި މައިންބަފައިންނޭވެ! ދަރިންގެ ކިޔެވުމަށްޓަކައި، އިންޓަނެޓްގެ ބޭނުން ހިފުމަކީ ނުހަނު މުހިއްމު ކަމެކެވެ. އެހެންނަމަވެސް، އިންޓަނެޓަކީ، އޭގެ އަޑި ނޭނގޭހާ ފުން، ނުރައްކާތެރި، ކަނޑެއް ފަދަ ވަސީލަތެކެވެ. ނުވަތަ އެ ތަނުގެ ނުރައްކާތެރިކަން ނޭނގޭހާ ބޯ ޖަންގައްޔެއް ފަދަ އެއްޗެކެވެ. އެ ތަނުގައި އުޅޭނެ ރައްކާތެރި ގޮތްތައް ދަރިންނަށް ދަސްކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެ ކުދިންނަށް ޒިންމާދާރު، ޑިޖިޓަލް ރައްޔިތަކަށް ވެވޭނެ ގޮތްތަކާއި މަގުތައް ދައްކުވައި ދޭންޖެހެއެވެ. އިންޓަނެޓް މެދުވެރިކޮށް އަތުވެދާނެ ނުރައްކާތެރި ޙަމަލާއެއްގެ ޝިކާރައަކަށްނުވެ، އަމިއްލަ ނަފްސާއި އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރުކުރާ ޙާލުގައި، އިންޓަނެޓް ބޭނުންކުރުމަށް ދަސްކޮށްދޭން ޖެހެއެވެ.“

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް