ހޯނޑެއްދޫއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 44 އަށް އަރައިފި

ގދ. ހޯނޑެއްދޫއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު44 އަށް އަރައިފި އެވެ. ހޯނދެއްދޫ އަކީ މާލެ ފިޔަވައި މިހާތަނަސް އެންމެ ގިނަ މީހުން އެއް ރަށަކުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ރަށެވެ. އެ ރަށުން ފ...

18 Sep 2020 | 06:50

ގދ. ހޯނޑެއްދޫއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު44 އަށް އަރައިފި އެވެ.

ހޯނދެއްދޫ އަކީ މާލެ ފިޔަވައި މިހާތަނަސް އެންމެ ގިނަ މީހުން އެއް ރަށަކުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ރަށެވެ. އެ ރަށުން ފުުރަތަމަ ބަލި ޖެހިފައިވަނީ ހޯމް ކަރަންޓިންގައި ތިބި ހަތަރު މީހަކަށެވެ.

ހޯނޑެއްދޫ ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ މިހާތަނަށް އެ ރަށުން344 މީހަކު ކޯވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން44 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު އަލަށް ޕޮސިޓިވްވެފައިވަނީ އޭގެ ތެރެއިން ދެ މީހުން ކަމަށް ބުނެފައިވެ އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން އެ ރަށުގައި މިހާރު ފަރުވާ ދެމުން ދަނީ38 މީހުންނަށެވެ. އެ ރަށުން ޕޮސިޓިވްވި މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ގދ. ވިލިނގިލީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ.

ހޯނޑެއްދޫއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އަދި ޕޮސިޓީވް މީހުންނާއި ގުޅުން ހުރި ގޭގޭގައި 32 މީހަކު ކަރަންޓިން ކޮށްފައި އެބަތިއްބެވެ.

ހޯނޑެއްދޫ ސިއްހީ މަރުކަޒުން ބުނީ އެ ރަށުން މިހާތަނަށް ނެގި ސާމްޕަލް ތަކުގެ ތެރެއިން250 ސާމްޕަލް ނެގެޓީވްވެފައިވާ ކަމަށެވެ. އަދި ނަތީޖާ ނުލިބޭ 50 ސާމްޕަލް އެބައޮތް ކަމަށެވެ.

ހޯނދެއްދޫގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމުން އެ ރަށާއި މަޑަވެލި ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ. ކޯޒްވޭއަކުން ގުޅާލާފައިވާ މި ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނަޔަސް މަޑަވެލިން މިހާތަނަށް މީހަކު ޕޮސިޓިވްވެފައިއެއް ނުވެ އެވެ.

ހޯނދެއްދޫއިން ޕޮސިޓިވްވަމުން ދަނީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށް އެޗްއީއޯސީން ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް