ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ވާޗުއަލް ރަން އަށް ދެން އޮތީ އެންމެ ދިހަ ދުވަހެވެ. މި މަހުގެ 28 ވާ ހުކުރު ދުވަހު މި ރަން ފެށިގެން ކުރިއަށްދާނެއެވެ.
މި ރަންއާއި ބެހޭގޮތުން އުރީދޫއިން މައުލޫމާތުދެއްވި ގޮތުގައި މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ އަތޮޅު ރަންގެ ދެ ކެޓަގަރީގެ ތެރެއިން 5 ކިލޯ މީޓަރު ވާޗުއަލް ރަންގައި ހަމަ ކޮންމެ ބޭފުޅަކަށްވެސް، އެ ބޭފުޅަކު ހުރިތަނެއްގައި ހުރެގެން ބައިވެރިވެލެވިދާނެއެވެ. އަދި ރަޖިސްޓްރޭޝަނަށް މި މަހުގެ 20 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ އަތޮޅު ދުވުމަކީ 20 އަތޮޅު ހިމެނޭ ވާޗުއަލް ރިލޭއެއެކެވެ. ހއ.އަތޮޅުން ފަށާ މި ރިލޭ ނިމޭނީ އައްޑު އަތޮޅުންނެވެ.
އަތޮޅު ރަންގައި ހިމެނެނީ ދެ ކެޓަގަރީއެކެވެ. އެއީ ފަސް ކިލޯ މީޓަރުގެ ރަން އަކާއި 15 ކިލޯ މީޓަރުގެ ރަން އެކެވެ.
15 ކިލޯ މީޓަރުގަ ދުވާނީ 20 އަތޮޅުން 20 ދުވުންތެރިންނެވެ. އެއް ދުވުންތެރިއަކު ދުވުމުގެ އެ ދުވުންތެރިޔާގެ ބައި ފުރިހަމަ ކުރުމުން އަނެއް ދުވުންތެރިޔާއަށް ނޮޓިފިކޭޝަނެއް ދާނެ، އެއާއެކު އަނެއް ދުވުންތެރިއާ ދުވަން ފަށާނެއެވެ. މިގޮތުން 20 އަތޮޅުގައި އުތުރުން ދެކުނަށް ދުވާނެއެވެ.
ފަސް ކިލޯ މީޓަރު ދުވުމަށް ރަޖިސްޓްރީވާ ކޮންމެ މީހަކަށްވެސް ހިލޭ ބައިވެރިވެވޭނެއެވެ. ރަޖިސްޓްރީ ވާއިރު އެމީހަކު ދުވަން ބޭނުންވާ ލޮކޭޝަނެއް ސެޓް ކޮށްލެވޭޏެއެވެ.
"ގޭގައިވެސް ދުވެވިދާނެ، ދުވާ ޓްރެކެއްގައިވެސް ދުވެވިދާނެ، ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން" އުރީދޫއިން ބުނެއެވެ.
އުރީދޫއިން ވަނީ މި ދުވުމުގައި ބައިވެރުވުމުގައި ބޭނުން ކުރާނެ ފަސް އެޕްލިކޭޝަނެއް ބުނެފައެވެ. އެގޮތުން އުރީދޫގެ ފެވަރިޓް އެޕަކީ "ސްޓްރާވާ" ކަމަށާއި "ގާމިން ކަނެކްޓް" "ރަންޓާސްޓިކް" "ނައިކް ރަން ކްލަބް" އަދި "ރަން ކީޕާރ" އެޕްލިކޭޝަންވެސް 5ކިލޯ މީޓަރު ރަންގައި ބޭނުން ކުރެވިދާނެ ކަމަށް އުރީދޫއިންބުނެއެވެ.
އުރީދޫގެ އަތޮޅު ރަންއާއި ގުޅޭ ހުރިހާ މައުލޫމާތެއް އެއްތާކުން ލިބޭނެ ވެބްޕޭޖެއްވެސް އުރީދޫ ވެބްސައިޓްގައި ގާއިމްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް