ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގައި ތ. ވިލުފުށީގައި އައުޓް ޑޯ ޖިމް އެއް ތަރައްގީކޮށްފި އެވެ.
މި ޖިމް އަކީ ބީއެމްއެލްއިން ހިންގާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ" ދަށުން ހެދި ތަނެކެވެ.
ބީއެމްއެލް އިން ބުނީ އައުޓްޑޯޯ ޖިމް ތަރައްގީ ކޮށްފައިވަނީ ވިލުފުށީގެ ބަނދަރު ސަރަހައްދުގައި ކައުންސިލުން ހަދަމުންދާ ޕާކުގެ ބައެއްގެ ގޮތުގައެވެ. މި އައުޓްޑޯ ޖިމް އާއެކު މި ސަރަހައްދުގައި ކުޑަކުދިން ކުޅޭ ސަރަހައްދެއް، ސްކޭޓް ކުރާނެ ސަރަހައްދެއް، ޕްލޭ ހިލް އެއް އަދި މަސްފެންގަނޑެއް ތަރައްގީ ކުރާނެ އެވެ.
މި ޕްރޮޖެކްޓް ގެ މަގުސަދަކީ ގޭތެރޭގެ ހަލަބޮލި މާހައުލުން ބޭރުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ކަސްރަތު ކޮށްލެވޭނެ ހިތްފަސޭހަ މާހައުލެއް ތަރައްގީކުރުން ކުރުމެވެ. ވިލުފުއްޓަކީ ސުނާމީއާއި ގުޅިގެން ލޭންޑް ޔޫސް ޕްލޭނެއްގެ ދަށުން ތަރައްގީ ކޮށްފައިވާ ރަށެއް ކަމުން އެހެން ރަށްރަށާ ހިލާފަށް މިރަށުގައި ގޯތިތެރޭގައި މާބޮޑު ހުސްޖާގައެއް ނޯނާތީ ކަސްރަތު ކުރުމާއި ކުދި ބޮޑު އެންމެން ހެލިފެލިވެ އުޅޭނެ ޖާގައެއް ނޯވެ އެވެ.
ބީއެމްއެލްއިން މި މަސައްކަތް ކޮށްފައިވަނީ ވިލުފުށީ ވަސަނަ ޖަމިއްޔާ އާއި ގުޅިގެންނެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެއެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް