އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށަނީ

އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަންނަ ހުކުރުދުވަހު ރާއްޖެއަށް ފަށަން ނިންމައިފިއެވެ. ކޯވިޑް-19 ގެ ސަބަބުން އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ދަ...

18 Aug 2020 | 10:27

އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް އަންނަ ހުކުރުދުވަހު ރާއްޖެއަށް ފަށަން ނިންމައިފިއެވެ.

ކޯވިޑް-19 ގެ ސަބަބުން އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ދަތުރުތައް ފަށާ މިއީ ފުރަތަމަ ފަހަރެވެ. ކޯވިޑް-19 ގެ ކުރިން އެއަރ އިންޑިއާއިން އައީ ޓްރިވެންޑްރަމްއިން ރާއްޖެއަށް ހަފްތާއަކު 7 ފްލައިޓް އަދި ބެންގަލޫރުން ރާއްޖެއަށް ހަފްތާއަކު 6 ފްލައިޓް ބާއްވަމުންނެވެ.

އެއަރ އިންޑިއާގެ ރާއްޖޭގެ ޕެސެންޖަރ ސޭލްސް އެޖެންޓް ވިލާ ޓްރެވެލްސް އިން ބުނީ މިމަހުގެ 21 ވާ ހުކުރު ދުވަހުން ފެށިގެން އެއަރ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށާނެކަމަށެވެ.

މި ދަތުރުތައް ފެށުމާއިއެކު ހަފްތާއަކު 2 ދަތުރު މާލެއިން ޓްރިވެންޑްރަމްއަށް ކުރާން ހަމަޖެހިފައިވާއިރު، މާލެއިން ދިއްލީއަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް މި ފްލައިޓް މެދުވެރިކޮށް ދެވޭނެކަމަށް ވިލާއިން ބުނެއެވެ.

އެއަރ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަދުވަހު އަދި ހުކުރު ދުވަހުއެވެ.

މި އެއާލައިނުން އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވިލާ ޓްރެވެލްސް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ.

އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ޓިކެޓް ދޫކުރާނީ އިންޑިއާ ހައިކޮމިޝަންގެ ހުއްދައަކާއި އެކުކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ދަތުރުކުރާ ކޮންމެ ފަސިންޖަރެއްގެ އަތުގައިވެސް 96 ގަޑިއިރު ހަމަނުވާ ކޯވިޑް-19އަށް ޓެސްޓްކޮށްފައިވާކަން އަންގައިދޭ ލިޔުމެއް އޮންނަންޖެހޭނެ ކަމަށް ވިލާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް