އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 71 އިންސައްތަ ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށީގައި ގައު އެތުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފަ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކެޕިންގް ބީމްގެ މަސައްކަތުގެ 52 އިންސައްތަ ނިމިއްޖެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން 61,396 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 115 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ގަލުން ބޭރު ތޮށި ލުމުގެ މަސައްކަތާއި، 621 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން 3،150 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖަހާއި ރޭމްޕް އެޅުމުގެ މަސައްކަތް ވެސް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 33.4 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެކުންފުނިން ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް