ޖޫރިމަނާ ނުދެއްކޭ މީހުން މުޖުތަމައަށް ހިދުމަތް ކުރުވާ ގޮތަށް ގާނޫނު އިސްލާހުކޮށްފި

އެއްގަމު ދަތުރުފަތުރާއި ގުޅޭ ގޮތުން ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާނަމަ މުޖުތަމައުއަށް ހިދުމަތް ކުރުވަން ނެރޭގޮތަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފި އެވެ. މި އިސްލާހު މަޖިލީހަށް ...

18 Aug 2020 | 08:00

އެއްގަމު ދަތުރުފަތުރާއި ގުޅޭ ގޮތުން ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާނަމަ މުޖުތަމައުއަށް ހިދުމަތް ކުރުވަން ނެރޭގޮތަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފި އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އެވެ. މި ބިލު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގައި ބުނެފައިވާގޮތުގައި ޓްރެފިކް ޖޫރިމަނާ އާއި ގަވައިދާ ހިލާފަށް ޕާކު ކުރުމުން ކުރާ ޖޫރިމަނާ ފައިސާ ނެގުމުގެ ބާރު އޮންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ.

ޖޫރިމަނާ ފައިސާގެ އަދަދު10،000 އަށް ވުރެ އިތުރު ވެއްޖެ ނަމަ އެ ފައިސާގެ ބަދަލުގައި އެ މީހަކު މުޖުތަމައަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ނެރުމަށް ބާރު އެޅިދާނެ ކަމަށެވެ. އެކަމަކު އެކަން ކުރުވޭނީ މީރާއިން ކޯޓަށް އެކަން ހުށަހަޅައި ކޯޓު އަމުރެއް ހޯދައިގެންނެވެ.

އެއްގަމު ދަތުރުފަތުރާއ ބެހޭ ގާނޫނުގެ ދަށުން ގަވައިދާ ހިލާފުވާ ފުރަތަމަ ފަހަރުނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެކަން ތަކުރާރުކޮށްފިނަމަ ނަސޭހަތްތެރިވުމަށް ފަހު ދެވަނަ ފަހަރުނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ އުޅަނދު ދުއްވި މީހާއަށް ދޫކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 48 ގަޑިއިރަށް ހިފެހެއްޓޭ ގޮތަށް ވަނީ ހަދައިފަ އެވެ.

އަދި 48 ގަޑިއިރަށްވުރެ އިތުރަށް ލައިސަންސް ހިފަހައްޓަން ޖެހިއްޖެނަމަ، ކޯޓު އަމުރެއްގެ ދަށުން އެ މީހެއްގެ ލައިސަންސް ހިފެހެއްޓިދާނެ ކަމަށްވެސް ރިޕޯޓުގައިވެއެވެ. ތިން ފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، އެ މީހެއް ދުއްވާ އުޅަނދު، 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިދާނެ ކަމަށްވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް