މައުމޫން ފައުންޑޭޝަންގެ "އަހަރެމެންގެ ދީނަކީ މިއީ" ފޮތް އިފްތިތާހު ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަރުޖަމާ ކުރައްވާ، މައުމޫން ފައުންޑޭޝަންގެ ފަރާތުން ނެރުނު "އަހަރެމެންގެ ދީނަކީ މިއީ" ފޮތް ރޭ އިފްތިތާހު ކޮށްފި އެވެ. "އަހަރެމެންގެ ދީނަކީ މިއީ" މި ފޮތަކީ މަޝްހ...

18 Aug 2020 | 06:38

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަރުޖަމާ ކުރައްވާ، މައުމޫން ފައުންޑޭޝަންގެ ފަރާތުން ނެރުނު "އަހަރެމެންގެ ދީނަކީ މިއީ" ފޮތް ރޭ އިފްތިތާހު ކޮށްފި އެވެ.

"އަހަރެމެންގެ ދީނަކީ މިއީ" މި ފޮތަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް މުހައްމަދު އަލްޣަޒާލީ ލިޔުއްވާފައިވާ ފޮތެއްގެ ދިވެހި ތަރުޖަމާއެވެ.

މި ފޮތް އިފްތިތާހު ކުރަން ރޭ ބޭއްވުނު އޮންލައިން ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޣަޒާލީގެ "ހާޒާ ދީނު" މި ފޮތަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފޮތެއް ކަމަށާ މި ފޮތަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަގީދާތަކާއި ހުކުމްތައް އުނދަގުލެއްނެތި ފަހުމުވާ ފަދަ ގޮތަކަށް ރީތި އިބާރާތުން ބަޔާން ކުރައްވާފައިވާ ފޮތެއް ކަމަށެވެ.

މި ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ އެންމެ ބޮޑު ސަބަބަކީވެސް އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަހަރެމެންގެ ދީނަކީ މިއީ" ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ކުރިން ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ.

"އަހަރެމެންގެ ދީނަކީ މިއީ" މި ސިލްސިލާގެ އިތުރު ފޮތްތަކެއް ނެރުއްވުމަށް މަަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް މައުމޫން ވަނީ ރޭ ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ މި ފޮތް ނެރުމަށް އެހީތެރިވެދިން ހުރިހާ ބޭފުޅުންނަށް ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް