ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުނަށް އެހީވާން އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 43 މިލިއަން ރުފިޔާ އަށްވުރެ މަތި ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 5,440 މީހަކަށް އިންކަމް ސަޕޯޓް އެލެވެންސް ދޫކޮށްފައިވެ އެވެ. އަދި މިހާތަނަށް ދޫކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދު 43.6 މިލިއަނަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެ އެވެ. މުއާމަލާތްތަކުގެ އަދަދު 10،522 އަރާފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
"އިންކަމް ސްޕޯޓް އެލަވަސް" ދޫކުރަނީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުނަށެވެ. މި ފައިސާ ދޫކުރަނީ އޭޕްރީލް މަހާއި ޖޫން މަހަށެވެ. އެއީ "އިކޮނޮމިކް ރިލީފް ޕެޖޭޖު" ގައި ހިމަނައިގެން 5،000ރ. ގެ މަގުންނެވެ. އެހީ ދެނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގައި ހިމަނައިގެނެވެ. އިންކަމް ސަޕޯޓް އެލަވަންސަށް އެދިި ހުށަހަޅަން ޖެހެނީ "ޖޮބް ސެންޓަރު ޕޯޓަލް" އަށެވެ.
ސަރުކާރުން އިންކަމް ސަޕޯޓް ދޫކުރަން ފެށުމާ ގުޅިގެން، ވޯލްޑް ބޭންކުން ވެސް ވަނީ 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 197 މިލިއަން ރުފިޔާ) ދޫކުރަން ނިންމާފަ އެވެ. ވޯލްޑް ބޭންކުގެ މި އެހީ ލިބުމާއެކު ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުނަށް އެލަވަންސް ދިނުމުގެ ގާބިލުކަން ލިބިގެން ދާނެ އެވެ.
ފަހުން ގެނައި ބަދަލާއި އެކު، ކޮވިޑް-19 އާ ގުޅިގެން ޑިސެމްބަރު މަހުގެ ފަހުން ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެސް ލިބޭ ޝަތުރު ހަމަވާ މީހުންނަށް އެލަވެންސް ދޭން ވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް