ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައި ވެންޓިލޭޓަރުތައް ގެނައުމުގައި ހެލްތް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވޭތޯ ބަލަން އޭސީސީން ތަހުގީގު ކުރި ގޮތް ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމައިފި އެވެ.
އޭސީސީން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކުރިން ނިންމާފައިވަނީ އެމަޖެންސީ ހާލަތެއްގައި ވެންޓިލޭޓަރު ގެންނަން ހެލްތް މިނިސްޓްރީން އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އޭސީސީން ހެދި ދިރާސާ ރިޕޯޓާއި އެ ކޮމިޝަނުން މަޖިލީހުގެ ކޮމިޓީގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮމިޝަނުން ބަލަންވާ މިންވަރަށް ބެލިފައި ނުވާކަން ހާމަވެފައިވާ ކަމަށެވެ. އަދި އެކަން އެ ކޮމިޝަނުން ބެލީ ތަފާތު ގޮތަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ވެންޓިލޭޓަރުގެ މައްސަލަ ބޮޑުވެފައި މިވަނީ އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުުގައި ދުބާއީގެ ކުންފުނިން ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަން ހާމަވުމުންނެވެ.
އޮޑިޓް ރިޕޯޓަށް ފަހު އޭސީސީ އަށް ފާޑުކިޔުން އަމާޒުވާން ފެށުމުން އެ ކޮމިޝަނުން އިއްޔެ ބުނީ ވެންޓިލޭޓަރުުތަކުގެ މައްސަލައިގައި ކުރިން ނެރުނީ ޚުލާސާ ރިޕޯޓެއް ކަމަށާއި އެ މައްސަލަ އަދިވެސް އެ ކޮމިޝަނުން ދަނީ ބަލަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް