ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އިސްތިއުފާ ދެއްވައިފި އެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ވަކި ކުރަން ޖޭއެސްސީން މިމަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށެވެ.
އިސްތިއުފާ ދެއްވައި ޝުޖާއު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދަނީ ސިޔާސީ ބޭފުޅުން ބޭނުންކުރާ ސިޔާސީ ކުޅިބައެއްގެ ގޮތުގައިކަމަށް ވިދާޅުވެ،
އޭނާއަކީ 1996 ވަނަ އަހަރުގެ ޑިސެމްބަރު މަހު 19 ވަނަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާއަށް ފަނޑިޔާރެއްގެ ގޮތުގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ހިދުމަތް ކުރަމުން އަންނަ ފަނޑިޔާރެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ޝަރުއީ ދާއިރާއިން ޑިގްރީއާއި މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ ޝުޖާއު ވަނީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކޯޓުގެ މެޖިސްޓްރޭޓްކަމާއި، އެ އަތޮޅުގެ އިސް މެޖިސްޓްރޭޓްކަމާއި، އދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމާއި، ކުރިމިނަލް ކޯޓުގެ ގާޒީކަމާއި، ހައިކޯޓުގެ ފަނޑިޔާރުކަމާއި، އެކޯޓުގެ އުތުރު ގޮފީގެ ފަނޑިޔާރުކަމާއި އަދި ހައިކޯޓުގެ އިސް ފަނޑިޔާރުކަން ކުރައްވައިފައެވެ.
ޝުޖާއު އިސްތިއުފާދެއްވާފައިވާއިރު އޭނާ މަގާމުން ވަކި ކުރުމުގެ މައްސަލަ އިއްޔެ ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް