ސިލްސިލާ ވާހަކަ: ޒާރާ - ބާވީސްވަނަ ބައި

ޒާރާ ހުއްޓިލައިގެން ހުރީ ޑްރެސިންޓޭބަލް ކުރިމަތީގައެވެ. ބުރުގާ އަޅާނިމިގެން އަވަސް އަވަހަށް ގަޑިއަށް ބަލާލިއެވެ. ގަޑިޖެހެން ބައިގަޑިއިރަށް ވީއެވެ. ދަންވަރުގެ ހަމަހިމޭންކަން ދުނިޔެމަތީގައި ރަސްކަން ކުރ...

18 Aug 2020 | 03:35

ޒާރާ ހުއްޓިލައިގެން ހުރީ ޑްރެސިންޓޭބަލް ކުރިމަތީގައެވެ. ބުރުގާ އަޅާނިމިގެން އަވަސް އަވަހަށް ގަޑިއަށް ބަލާލިއެވެ. ގަޑިޖެހެން ބައިގަޑިއިރަށް ވީއެވެ. ދަންވަރުގެ ހަމަހިމޭންކަން ދުނިޔެމަތީގައި ރަސްކަން ކުރަމުން ދަނީއެވެ. ރެއަކީ ވިއްސާރަ ރެއަކަށް ވުމުން ޒާރާވެސް ތަންކޮޅެއް އަވަހަށް ތައްޔާރުވެލީ ކުރަންޖެހޭ ދަތުރު ދިގުކަމުންނެވެ. ތައްޔާރުވެ ނިމިގެން ޒާރާ އަވަސްވެގަތީ ބައްޕަ އަށް ގޮވާށެވެ. ދޮރުގައި ޖަހާލުމާއެކު ދޮރު ހުޅުވާލީ ނާޒިމާއެވެ.

''ބައްޕަ އަށް ގޮވަން...'' ޒާރާ އިސްޖަހާލީ ނާޒިމާ ހިތްހަމަ ނުޖެހިފައި ހުރެދާނެތީއެވެ.

''މިރޭ މިހާ ވިއްސާރައިރު ކިހިނެތް ސައިކަލުގަ ދާނީ.... މަންމަ ގުޅައިފިން ސަރީފާއްތަ އަށް.... ބުނިން އިމްރާން ފޮނުވާށޭ ދަރިފުޅު ގޮވައިގެންދާން......'' ޒާރާގެ މެޔަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ. ބުނާނެ އެއްޗެއް ޒާރާއަކަށް ނޭނގުނެވެ.

''މަންމާ.... '' ޒާރާ ބޭނުންވީ އިންކާރު ކުރާށެވެ. އެހެންނަމަވެސް ނާޒިމާ ލޯއަޅާލި ގޮތުން ޒާރާ ހުއްޓުން އެރިއެވެ.

''ބައްޕަ ކޮބާ... ނޫނީ ކޮއްކޮ އާއެކު ހިނގައިދާނަން...'' ނާޒިމާއާ ހަތަރުކަޅި ހަމަކުރުމުގެ ހިތްވަރެއް ޒާރާއަކަށް ނުލިބުނެވެ.

''ބައްޕަ އުޅެނީ ބަލިވެ..... ނިދާފަ އޮތީމަ ގޮވާކަށް ނުވާނެ އެއްނު..... އެހެންނޫނަސް މިހާ ފިނި ރެއެއްގަ، އެހާދުރަށް ދަތުރުކުރީމަ އެފަކީރަށް ވާނީ ކިހިނެއްކަމެއް ޒާރާ އަކަށް ހަމަ ނޭނގޭތަ....ދެން ތިބުނީ ޒައިދުގެ ވާހަކަ ..... ދުވާލު ހަތަރުދަމު އޮފީހުގަ އުޅެފަ ކިހާ ވަރުބަލިވެފަ ހުންނާނީ..ޒައިދު އެއޮތީ ނިދާފައި.... ޒައިދަށް ގޮވާނެކަމެއްނެތް...'' ޒާރާ އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަނެއްކޮޅުން ގަޑި ކައިރިވަމުން ދަނީއެވެ. އިމްރާނާއެކު ދިއުމަކީ ޒާރާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ދެކޮޅު ހަދައިގެން މަންމަ ރުޅިއައުން ނޫންކަމެއް ނުވާނެކަންވެސް ޒާރާއަށް އެނގެއެވެ. ސަލާމް ބުނެފަ ގޭގަ މަޑުކުރަން ޒާރާ ބޭނުންވިއެވެ. އިމްރާން އާއެކު ދިއުމަށްވުރެ އެގޮތްވެސް ޒާރާ އަށް މާ ރަނގަޅުކަމުގައި ފެނުނެވެ. ދަބަހުން ފޯނު ނަގާ ޑިއުޓީ އިންޗާޖުގެ ނަމްބަރު ޖަހާލިއެވެ.

''ތިއުޅެނީ ކީއްކުރަން... '' ނާޒިމާ ފުންމައިގެން އައިސް ޒާރާގެ އަތުން ފޯނު ޖަހައިގަތެވެ. ކޮޓަރި ތެރޭގައި ނިދާފައި އޮތް ހާމިދަށް އަޑު އިވިދާނެތީ ދޮރު ލައްޕާލިއެވެ.

''ކަލޭ ކިހިނެއް ވެގެންތަ ތިޔައުޅެނީ.... ކާކަށް ގުޅަންތިއުޅެނީ މިއޮއް ދަންވަރު.... ކިހާ ރަނގަޅަކަށް މިރޭވެސް ކަލެއާ ދޭތެރޭ މި ކަންތައް ކުރަނީ.... ކަލޭ އިމްރާން ނޫން މީހަކާއެކު މިރޭ ހިނގައްޖެއްޔާ މި ނާޒިމާއަށް އެންމެ ފަހަރަކުވެސް މަންމާއޭ ކިޔާފައި ގޮވައިގެން ނުވާނެ... އަޑު އިވިއްޖެތަ.....'' ޒާރާގެ އަތުތެރެއަށް  ފޯނު ޖަހަމުން ނާޒިމާ އެތިވަރު ގޮވައިގަތެވެ. ދޮރުގައި މީހަކު ޓަކިދޭން ފެށުމާއެކު ނާޒިމާގެ މޫޑު ހަމައަކަށް އަޅުވާލިއެވެ. ޓަކިދެނީ ކާކުކަން ރަނގަޅަށް އެނގޭ ކަހަލައެވެ. ހިނިތުންވެފައިވާ މޫނަކައިގެން ގޮސް ދޮރު ހުޅުވާލިއެވެ.

''ލަސްވެއްޖެ ދޯ.....ޝެޑް ނުހުޅުވާހުރީމަ ލަސްވީ....''  އަސްކަނި ދަށުގައި ހުރި އިމްރާން ގޭތެރެއަށް ބޯކޮށްޕާލިއެވެ.

ޒާރާގެ އަތުގައި ހިފައިގެން ބޭރަށް ނިކުތީ ނާޒިމާއެވެ. ޒާރާއަށް ކާރުގެ ދޮރު ހުޅުވަދިނީ އިމްރާނެވެ. ވާރޭ ތެރޭގައި ކުޑަ ހިފަހައްޓާލައިގެން  ނާޒިމާ ހުއްޓެވެ. ޒާރާ އަށް މަޖުބޫރުވީ އިމްރާން ގާތުގައި ކުރީ ސީޓްގައި އިންނާށެވެ.

ބޯ ވާރޭގެ ތެރޭން ކާރު އޮބާލަންދެން ނާޒިމާ މަޑުކުރީ މަގުމަތީގައެވެ. ގަދަވަޔާ ވާރޭގެ ސަބަބުން ނާޒިމާގެ ހަށިގަނޑަށް ލިބެމުންދާ ފިނިކަމަށްވުރެ އެތައް ދުވަހަކުއްސުރެ ރާވަމުންދާ ރޭވުން ކާމިޔާބީ އާ ހަމައަށް ވާސިލް ވުމުގެ ކޮޅުމަތި ފެންނަމުންދާތީ އޭނާގެ ހިތަށް ލިބެމުންދާ ފިނިކަން މާބޮޑެވެ.

ހިނދެއް ހިނދަކަށް ވާރޭ ބޯވަމުން ދިޔައެވެ. ދިގު މަގުގައިވަނީ ފަޅުކަމެވެ. ދުއްވާ އެއްޗެއްގެ އެއްވެސް ހިލަމެއް ނުވެއެވެ. ޖެހޭ ބާރުވައިގެ ސަބަބުން ބުރައިގެންދާ ފަތްތައް ކާރުގެ ބޮކީގެ އަލީގެ ތެރެއިން ވިއްސައިގެންދާ މަންޒަރު ފެންނަމުން ދިޔައެވެ.

ޒާރާގެ ކަންފަތުގައި ގުގުމަމުން ދިޔައީ މަންމަ ޒާރާގެ ބައްޕައާ ބެހޭގޮތުން ދެއްކި ވާހަކަތަކެވެ. މަންމަގެ ކިބައިން ބައްޕައަށްޓަކައި ހަމްދަރުދީ އާއި އޯގާތެރިކަން ފެނުނު ފުރަތަމަ ފަހަރު ކަމުގައިވާތީ އެވެ. ޒާރާއަށް ނޭނގުނުކަމަކީ، މަންމަ ގެ ހިތުގައި ބައްޕަ އާ ދޭތެރޭގައި އެހާ ހަމްދަރުދީ އުފެދުނީ ކޮންއިރަކު ކަމެވެ. ބައްޕަ އަކީ ބަލިމީހެއްކަން ދަނެގެން، މަންމަ އުޅުނު ދުވަހެއް ޒާރާ ހަނދާނެއް ނެތެވެ. ޒާރާ ހަނދާން ހުންނަން ފެށީއްސުރެ މިއަދާ ހަމައަށްވެސް މަންމަ، ބައްޕަ އާ ލޯބިން ވާހަކަދައްކާ، އަޅާލާ އޯގާތެރިވާތަން ފެނިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޒާރާއަށް ފެންނަމުން ދިޔައީ މަންމަގެ ފަރާތުން ބައްޕައަށް ހިތްދަތިކަން ލިބެމުންދާ މަންޒަރެވެ. އިވެމުން ދިޔައީ އެފަދަ އަޑުތަކެވެ. ކިރިޔާ ހަނދާންހުންނަންފެށީއްސުރެ މިއަދާ ހަމައަށްވެސް ބައްޕަ އުޅެމުން އަންނަ ހިތްދަތި ދިރިއުޅުން ޒާރާއަށް އޮޅިފައެއް ނެތެވެ. ހިތުން ނުފިލާނެ ހިތްދަތި، އެތަކެއް ހަނދާންތަކެއްގެ ތެރެއަށް ޒާރާ ފީނައިގަތެވެ. ހިތްދަތި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާ ޒާރާގެ ހަނދާނަށް އައެވެ.

އޭރު ޒާރާގެ އުމުރުން ފަސް އަހަރު ފުރިއްޖެއެވެ. ދުވަހަކީ ހުކުރު ދުވަހެކެވެ. ތިންއަހަރުގެ ކުޑަކުޑަ ޒައިދުއާއެކު ކުޅެން ޒާރާއިނީ ފެންޑާގައި އަޅާފައިވާ ކުނަލެއްގެ މަތީގައެވެ. މަންމަ މަސައްކަތުގައި އުޅޭ ވަގުތުތަކުގައި ޒައިދު ބެލުމަކީ ޒާރާ ކުރަންޖެހޭ ކަމެކެވެ. ބައްޕަ ގޭގައި ނޫޅެންޏާ ޒާރާގެ މަސައްކަތް އިތުރަށް ބުރަވެއެވެ. ތެލިދޮވުމާ ކުނިކެހުންފަދަ މަސައްކަތްތައްވެސް މަންމަ ޒާރާ ލައްވާ ކުރުވައެވެ. އާދައިގެ މަތިން މަންމަ އެއްޗިހިދޮވެގެން ނިކުމެ ބޭރު ރޯނުގައި ހިއްކަން އަޅަންހުރި ވަގުތެކެވެ. މެންދުރާ ގާތްވެފައިވާތީ ހޫނުވެސް ގަދަ ވަގުތެކެވެ.

ބައްޕަގެ ކޮނޑުގައި ދިގު ދަނޑިބޮޑިއެއް ބާއްވައިގެން އައިސް ގޯތިތެރެއަށް ވަން ވަގުތު ޒައިދަށް ބައްޕަ ފެނުނެވެ. ކުޑަކުޑަ ޒައިދު ބައްޕާއޭ ގޮވަމުން ގޮސް ބައްޕަގައިގައި އޮޅުލައިގަތެވެ. އެއް އަތުގައި ކަތިވަޅި އޮތުމުން ވަޅީގައި ދަރިފުޅު ޖެހިދާނެތީ، ޖެހުނަ ނުދޭން އެނބުރިލެވުނެވެ. އެ ވަގުތު، ބައްޕަގެ ކޮނޑުގައި އޮތް ދަނޑިބޮނޑި ހޫރިގަތެވެ. އަދި މަންމަ އެއްޗިހި ހިއްކަންއަޅާފައިވާ ރޯނުގައި އަޅައިގަނެ ރޯނު ކެނޑި، ތެތް އަންނައުނުތައް ބިމަށް ފައިބައިގަތެވެ. ހުރިހާ އަންނައުނު ހިރަފުސް ވެލީގައި ތަތްތެޅުނެވެ. އެމަންޒަރު ފެނުމުން މަންމަގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ރުޅިވެރިކަމާއެކު އައިސް، ބައްޕަ ލައިގެން ހުރި ޓީޝާޓުގައި ހިފާ ދަމާ ބައްޕަ ބިންމައްޗަށް ވައްޓާލިއެވެ. ތަންގަނޑު މީހުން އެއްވާވަރަށް އަޑުގަދަކޮށް ހަޅޭލެވިއެވެ. އެންމެފަހުން ހުރިހާ އަންނައުނު ގުޅަކޮށްގެން ގެންގޮސް، ވެލިތަކާއެކު ބައްޕަގެ ބޯމައްޗަށް އަޅާލިއެވެ. ކުޑަކުޑަ ޒައިދު ރޯންފެށުމުން މަންމަ ޒައިދު އުރާލައިގެން ދިޔައީ ޒާރާ ރޯނެވަރަކަށް ރޯން ދޫކޮށްލާފައެވެ. ބައްޕަގެ ލޮލުން އޮހޮރުނު ކަރުނަ ފެނުނީ ހަމައެކަނި ޒާރާ އަށެވެ. ޒާރާގެ ލޮލުން ފޭބި ކަރުނަ ފޮހެދިނީ ބައްޕައެވެ. އެހެނަސް ޒާރާގެ ހިތުގައި އެދުވަހުވެސް އެތައް ޒަހަމެއް ވަނީ ލާފައެވެ.

''ޒާރާ.....'' އިމްރާނުގެ އަޑުން ޒާރާ ސިއްސުވާލިއެވެ. އަވަސް އަވަހާ އެސްފިޔަ ޖަހާލަމުން ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮއްބާލިއެވެ. ދެއަތް ދެއަތާ މޮޑެލެވުނެވެ. ފިނިފިނި އާހެއްގެ އަޑު ބޭރުވީ ފުން ނޭވާއެއްގެ ތެރެއިންނެވެ.

''ފިނި ގަދައީދޯ..... '' އިމްރާން ނުހަނު އޯގާތެރިކަމާއެކު ސުވާލުކުރަމުން އޭސީ ކަނޑާލިއެވެ. ޒާރާ އަނގަޔަކުން ނުބުނެއެވެ. ވާރޭގެ ކެރިތައް ގަދަވަޔާއެކު ވިއްސައިގެންއައިސް ކާރުގެ ވިންޑް ސްކްރީންގައި ޖެހެމުންދާ މަންޒަރަށް ލޯހުއްޓާލައިގެން އިނީއެވެ. ބޭރުގައި އުފެދިފައިވާ ކޮޅިގަނޑަށްވުރެ ޒާރާގެ ސިކުނޑީގައި އުފެދިފައިވާ ކޮޅިގަނޑު ވަކި ކުޑައެއް ނޫނެވެ. އެހެންނަމަވެސް އެ ކޮޅިގަނޑުގެ ބާރުމިން އެނގެނީ ހަމައެކަނި ޒާރާ އަށެވެ.

ދުރުން ފެންނަމުން ދިޔަ ވިދުވަރު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ. މަޑުމަޑުން އިވެމުންދިޔަ ގުގުރީގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައެވެ. ކުއްލިއަކަށް ވަރަށް ގަދައަށް ވިދާލުމާއެކު އެހާމެ ބާރަށް ގުގުރާލައިފިއެވެ. ގުގުރީގެ އަޑަކީ، ތުއްތު އިރުއްސުރެ ޒާރާ ބިރުގަންނަ އަޑެކެވެ. ބޭއިޚްތިޔާރުގައި އިމްރާންގެ މުލައްދަނޑީގައި ބާރަށް ހިފެހެއްޓުމާއެކު ޒާރާއަށް އިމްރާންގެ ކޮނޑުމަތީގައި މޫނު ޖައްސާ ބާރުކޮށްލެވުނެވެ.

''އެއްވެސް ކަމެއް ނޫން.... އެހާ ބިރުގަންނާކަށް ނުވާނެ.....'' ދެލޯމަރާ ބާރުކޮށްގެން އިން ޒާރާ އިމްރާން އަތުން ދޫކޮށްލާ ދުރަށް ޖެހިލިއެވެ. ކުރެވުނު ކަންތައް އިހްސާސް ވުމުން ލަދުން އިސްޖަހާލިއެވެ. އެ ދޮން މޫނަށް ވެރިވި ކަދުވެތި ކަމުގެ ރަތްކުލަ އަނދިރީގެ ތެރޭގައި އިމްރާނަށް ނުފެނުނަސް އެ ލަދުވެތިކަން އިމްރާނަށް ވަރަށް ކަމުދިޔައެވެ. ޒާރާދެކެ އިމްރާން އެހާ ގަޔާވާ އެއްސިފައަކީ އެ ލަދުވެތިކަމެވެ.

''ސޮރީ....'' ޒާރާ މަޑުމަޑުން ބުނެލިއެވެ.

''އެވަރު ކަމެއްނޫނެއްނު.....'' އިމްރާން ހިނިތުންވެލިއެވެ.

ހޮސްޕިޓަލްގެ ޕޯޓިކޯއަށް ކާރު މަޑުކުރުމުން އެންމެ ހިނދުކޮޅަކަށްވެސް ޒާރާ މަޑެއް ނުކުރެއެވެ. އިމްރާނާ ދިމާލަށް  ބަލާލުމެއްވެސް ނެތި ވަދެގެން ދިޔައީއެވެ. ލޯމަތިން ޒާރާ ގެއްލެންދެން އިމްރާން މަޑުކޮށްގެން އިނެވެ. ހިތަށް ލިބިފައިވާ ހަމަޖެހުން މޫނުމަތީގައިވާ ހިނިތުންވުމުން ބުނެދޭކަހަލައެވެ.

ނުނިމޭ – ވާހަކައިގެ އާ ބައެއް، އޯގަސްޓް 20 ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް