ބޮލީވުޑްގެ އެންމެ ވަރުގަދަ ބައްޗަން އާއިލާއިން ކޯވިޑް-19 އަށް ހަތަރު މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފުރަތަމަ އެއާއިލާއިން ކޯވިޑަށް ޕޮސިޓިވްވީ އަމީތާބް ބައްޗަން އެވެ. އޭގެ ފަހުން ކަމާ ބެހޭ ފަރާތްތަކުން ވަނީ އަމީތާބްގެ އާއިލާ އެންމެންނާއި، މުވައްޒަފުންނާއި އޭނާ އާއި ދިމާވެފައިވާ އެންމެން ޓެސްޓު ކުރަން އަންގާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ އާއިލާއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ އަމީތާބްގެ އިތުރުން އަބީޝެކް ބައްޗަން، އައިޝްވާރްޔާ ރާއީ ބައްޗަން އަދި އަބީޝެކް އާއި އައިޝަވްރާޔާގެ ދަރިފުޅު އަރާދްޔާ ބައްޗަން އެވެ. ކޯވިޑަށް ނެގެޓިވް ވެފައިވަނީ އަމީތާބްގެ އަންހެނުން ޖާޔާ ބައްޗަން އެކަންޏެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެމީހުން ފުރަތަމަ ބައިތިއްބާފައި ތިބީ ގޭގައި އައިސޮލޭޓް ކޮށްފައި އެވެ. އެކަމަކު ސިއްހީ ހާލަތު ގޯސްވާތީ އަމީތާބު މީގެ ފަސް ވަރަކަށް ދުވަސް ކުރިން މުމްބާއީގެ ނާނާވަތީ ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައި އެވެ. އަދި މިހާރު އަބީޝެކް އާއި އައިޝްވާރްޔާވެސް އެ ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށްވެ އެވެ.
އެ ހޮސްޕިޓަލުން ބުނެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ އެ އާއިލާގެ އެންމެންގެ ހާލުވެސް އަދި ރަނގަޅު ކަމަށެވެ.
އިންޑިއާގައި މިހާތަނަށް ކޯވިޑަށް 968،857 މީހުން ޕޮސިޓިވް ވެފައިވެ އެވެ. އަދި މި ބަލީގައި 23،914 މީހުން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް