ވަގުތުން އިންޓަރނެޓް ބޭންކިންގއަށް ރަޖިސްޓަރކުރެވޭ ގޮތް ބީއެމްއެލް އިން ހަމަޖައްސައިފި

ބޭންކިންގ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި ވީހާވެސް ފަސޭހައި ރަޖިސްޓަރކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ވެބ...

18 Jun 2020 | 14:51

ބޭންކިންގ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި ވީހާވެސް ފަސޭހައި ރަޖިސްޓަރކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން އިންޓަރނެޓް ބޭންކިންގއަށް ރަޖިސްޓަރކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

މި ގޮތަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބޭންކުގައި މިހާރުވެސް ބޭނުންކުރަމުންދާ އެކައުންޓަކާއި ކާޑެއް އޮންނަ ކަސްޓަމަރުންނަށް ކަމަށާއި އަދި ހަމައެހެންމެ ކަސްޓަމަރުގެ ފޯން ނުވަތަ އީމެއިލް އެޑްރެސް ބޭންކުގައި ރަޖިސްޓްރީކޮށްފައި އޮންނަންވާނެ ކަމުގައި ބޭންކުން ބުނެއެވެ.

އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓަރވުމަށް މި ލިންކް ގައިވާ ސައިންއަޕް ބަޓަންއަށް ފިތާލުމަށްފަހު ކަސްޓަމަރުގެ އެކައުންޓް ނަންބަރު ޖަހައި އޯޓީޕީ ފޮނުވުމަށްއެދޭ ގޮތް (މޯބައިލް ނުވަތަ އީމެއިލް) ޚިޔާރުކުރެވޭނެއެވެ. ރަޖިސްޓަރ ކުރަމުންދާއިރު އޯޓީޕީ ފޮނުވުމަށް ޚިޔާރުކުރާގޮތަކީ ބޭންކުގައި ރަޖިސްޓަރވެފައިވާ މޮބައިލް ނަންބަރަކަށް ނުވަތަ އީމެއިލް އެޑްރެހަކަށް ވާންވާނެއެވެ.

އޯޓީޕީ ޖެހުމަށްފަހު ބޭންކުންދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެން ރަޖިސްޓްރޭޝަންގެ ސައްހަކޮށްލެވޭނެއެވެ. އެއާއެކު ވަގުތުން ޔޫސަރނޭމް އަދި ވަގުތީ ޕާސްވޯޑެއް ކަސްޓަމަރަށް ލިބޭނެއެވެ. ފުރަތަމަ ލޮގިން ކުރުމަށް ކަސްޓަމަރުން ބޭނުންކުރާނީ މި ޕާސްވޯޑެވެ. އެއަށްފަހު އިރުޝާދު ދީފައިވާ ގޮތަށް ޕާސްވޯޑް ބަދަލުކުރަންޖެހޭނެއެވެ.

- އިންޓަރނެޓް ބޭންކިންގ އިން ލިބޭ ޚިދުމަތްތައް

- އެކައުންޓާއި ކާޑުގެ ބެލެންސް ބަލާލުން

- އެކައުންޓް ސްޓޭޓްމަންޓް ބެލުމާއި ޑައުންލޯޑް ކުރުން

- އަމިއްލަ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކުން

- އެހެން ފަރާތެއްގެ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކުން

- އަމިއްލަ އެކައުންޓްތަކަށް ފައިސާ ފޮނުވުން

- އެހެން ފަރާތެއްގެ އެކައުންޓަކަށް ފައިސާ ފޮނުވުން. މިގޮތުން ބީއެމްއެލް، ރާއްޖޭގައި ހުންނަ އެހެން ބޭންކެއް ނުވަތަ ރާއްޖެއިން ބޭރު ބޭންކެއްގެ އެކައުންޓަކަށް ފައިސާ ފޮނުވާލެވޭނެ.

- ބޭންކުގެ ޚިދުމަތްތަކަށް އެދިހުށަހެޅުން

    • އިތުރު އެކައުންޓެއް ހުޅުވުން
    • ޑެބިޓް ނުވަތަ ކްރެޑިޓް ކާޑަށް އެދި ހުށަހެޅުން
    • ލުއި ލޯނަށް އެދި ހުށަހެޅުން
    • ޕަރސަނަލް އިންފޮމޭޝަން އަޕްޑޭޓްކުރުން

ޒަމާނީ ޓެކްނޮލޮޖީއާ އެކު ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ.

މި ހިދުމަތްތަކުގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓްގެ ހިމެނެ އެވެ. ބޭންކުގެ މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 އިންސައްތަ އަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތަކެވެ. އަދި ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން %87 ކަސްޓަމަރުން މިހާރުވެސް އިންޓަރނެޓް ބޭނުންކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް